ކ. މާފުށީ ކައިރިން މަސްވެރިކަމަށް ނިކުމެ އުޅުނު ލޯންޗަކާއި ސަޕްލައި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާ ވެއްޖެ އެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އަނިޔާވެފައިވަނީ ލޯންޗުގައި ހުރި މީހަކަށެވެ. އެގޮތުން އެމީހާގެ ބޮލާއި ކޮނޑު ހުޅަށް އަނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމީހާއަށް ފަރުވާ ދިނުމަށް މާފުށީ ލޯންޗެއްގައި މާލެ ގެނެސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 6:50 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. އަދި މި ހާދިސާ ހިނގާފައިވަނީ މަސްވެރިކަމަށް ނިކުމެ އުޅުނު 22 ފޫޓުގެ "އަލީ ޝާހް" ލޯންޗާއި "އިރު ސަޕްލައި ދޯނި" ޖެހިގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބީ ފަސް މީހުން ކަމަށާއި ދޯނީގައި ހަތް މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގައި ލޯންޗުވަނީ ބަންޑުން ޖަހާލައިފައެވެ. އަދި އެ ސަރަހައްދުގައި އެމްއެންޑީއެފް މާލެ އޭރިއާގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.