ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވާ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް 3000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.
ޕީއެންސީއަށް 3000 އަށްވުރެ ގިނަ މެމްބަރުން ސޮއިކޮށްފައިވާކަން އިއުލާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
އަދުރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޕީއެންސީ އުފެއްދުމުގެ މަސައްކަތްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 3000 އަށްވުރެ ގިނަ މީހުން އެ ޕާޓީއަށް ސޮއިކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން އިލެކްޝަނަށް ހުށަހެޅުއްވީ ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އޭނާ ޕީއެންސީ އުފެއްދުމުގެ ހުއްދައަށް އެދި ފުރަތަމަ ހުށަހެޅުއްވުމުން އިލެކްޝަނުން ވަނީ ހުއްދަ ނުދީފައެވެ. އެއީ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް އާ ސިޔާސީ ޕާޓީއެއް އުފައްދަން ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުން ޖާގަ ނުދޭތީއެވެ.
އަދުރޭ ފަހުން ވަނީ ޕީޕީއެމްގެ މެންބަރުކަމުން ވަކިވެވަޑައިގެން ޕީއެންސީ އުފެއްދުމުގެ ހުއްދައަށް އެދި އަލުން އިލެކްޝަނަށް ފޯމު ހުށަހަޅުއްވައިފައެވެ. ޕީއެންސީ އުފައްދާން ކުރާން ޖެހޭ ކަންކަން ފުރިހަމަކުރުމުގެ ހުއްދަ އަދުރޭއާ ހަވާލުކުރެއްވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފެވެ.
ކުރީން "ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވެފައިވަނީ ޕީއެންސީ އުފައްދަން ބޭނުންވާ 3000 މެންބަރުން 10 ވަރަކަށް ދުވަސް ތެރޭ ހަމަކުރައްވައި ޕާޓީ އުފައްދަން ބޭނުންވާ ޖަލްސާ ބާއްވަން މަސައްކަތް ކުރައްވާނެއެވެ.