ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވާ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް ޓަކައި ކުރާން ޖެހޭ އެންމެހައި ކަންކަން ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން އިލެކްޝަނަށް ހުށަހެޅުއްވީ ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އޭނާ ޕީއެންސީ އުފެއްދުމުގެ ހުއްދައަށް އެދި ފުރަތަމަ ހުށަހެެޅުއްވުމުން އިލެކްޝަނުން ވަނީ ހުއްދަ ނުދީފަ އެވެ. އެއީ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް އާ ސިޔާސީ ޕާޓީއެއް އުފައްދަން ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުން ޖާގަ ނުދޭތީ އެވެ.
އަދުރޭ ފަހުން ވަނީ ޕީޕީއެމްގެ މެންބަރުކަމުން ވަކިވެވަޑައިގެން ޕީއެންސީ އުފެއްދުމުގެ ހުއްދައަށް އެދި އަލުން އިލެކްޝަނަށް ފޯމު ހުށަހަޅުއްވައިފަ އެވެ. ޕީއެންސީ އުފައްދާން ކުރާން ޖެހޭ ކަންކަން ފުރިހަމަކުރުމުގެ ހުއްދަ އަދުރޭއާ ހަވާލުކުރެއްވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު އެވެ.
ކުރީން "ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވެފައި ވަނީ ޕީއެންސީ އުފައްދަން ބޭނުންވާ 3000 މެންބަރުން 10 ވަރަކަށް ދުވަސް ތެރޭ ހަމަކުރައްވައި ޕާޓީ އުފައްދަން ބޭނުންވާ ޖަލްސާ ބާއްވަން މަސައްކަތް ކުރައްވާނެ އެވެ.