ދުނިޔެ

ގޮވުމުގެ ހާދިސާގައި ސަރުކާރުގެ އިހުމާލު އޮތްކަމަށް ބުނެ ލުބުނާނުގައި މުޒާހަރާ ކުރަން ފަށައިފި

މުހައްމަދު އައުޒަމް

ގޮވުމުގެ ހާދިސާގައި ސަރުކާރުގެ އިހުމާލު އޮތްކަމަށް ބުނެ ލުބުނާނުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

ލުބުނާންގެ ވެރިރަށް ބޭރޫތުގެ ޕޯޓު ސަރަހައްދުގައި 2750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައި ހުރި ބޮޑު ގުދަނެއް ގޮވައި ހިނގި ހާދިސާގައި 137 މީހުން މަރުވެ 5000 އަށްވުރެ ގިނަ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.

ސިޔާސީ މަޝްރަހު ވަރަށް ބޮޑަަށް ގޯސްވެފައި ވަނިކޮށް ލުބުނާނުގައި މިހިނގި ހާދިސާއާއެކު އެގައުމުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ މުޒާހަރާއަށް ނިކުމެފައެވެ.

މަދު ބަޔަކު ބައިވެރިވި މި މުޒާހަރާ ލުބުނާނުގެ މަޖިލިސް އިދާރާ ސަރަހައްދުން ފައްސާލުމަށް އެގައުމުގެ ސިފައިން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފައެވެ.

ބޭރޫތުގައި ގޮވުމުގެ ހާދިސާ ހިނގުމާއެކު ލުބުނާނުގެ ސަރުކާރުގެ އިސް ދެ ބޭފުޅަކު އިސްތިއުފާ ދެއްވާފައިވާ ކަމަށްވެސް އެގައުމުގެ ނޫސްތަކުން ބުނެއެވެ. އަދި މިއީ ސަރުކާކުގެ އިހުމާލު އޮތް ކަމެއް ކަމަށާއި ބަދަލެއް ގެންނަން ވީ ވަގުތު ކަމަށް އެބޭފުޅުން ވިދާޅުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ބޭރޫތުގައި ހިނގި މި ހާދިސާގެ ތަހުގީގަށް ލުބުނާނުގެ ސަރުކާރުން ވަނީ ބޭރު ގައުމުތަކުގެ އެހީއަށް އެދިފައެވެ. އަދި މިހާތަނަށް މި މައްސަލައިގައި 16 މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.