މިނިސްޓްރީ އޮފް ހެލްތް

ދައުރުވަމުންދާ ފޮޓޯގައި ވަނީ މިނިސްޓަރު އަމީންގެ އޮފީހެއް ނޫން: ހެލްތު މިނިސްޓްރީ

1

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އަކީ މިނިސްޓަރު އަމީންގެ އޮފީސް ނޫން ކަމަށާއި އެއީ ހެލްތު މިނިސްޓްރީގެ ކޮންފަރެސް ރޫމް ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ ހެލްތު މިނިސްޓަރު އަބުދުﷲ އަމީން އިންނަވާ ކޮޓަރީގެ ފޮޓޯތަކެއް ކަމަށް ބުނެ ދައުރުވަމުންދަނީ ރަނގަޅު ފޮޓޯތަކެއް ނޫން ކަމަށާއި އެއީ މިިނިސްޓްރީގެ ކޮންފަރެންސް ރޫމް ކަމަށެވެ. އެތަނަކީ މިނިސްޓްރީގެ އިވެންޓްތަކާއި އެހެނިހެން ފަރާތްތަކުގެ އިވެންޓްތައް ބޭއްވުމަށް ކުއްޔަށް ދޫކުރުމަށް ހަދާފައިވާ ކޮންފަރެންސް ރޫމެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

"ހެލްތު މިނިސްޓްރީ ހިންގާ އިމާރާތުގެ ނުވަ ވަނަ ފްލޯ ގެ ކޮންފަރެންސް ރޫމްގެ ނަމަކީ މޫމިނާ ހަލީމް މާލަމް، އެއީ ރާއްޖޭގެ ފުރަތަމަ އަންހެން ހެލްތު މިނިސްޓަރަށް ނިސްބަތްކޮށް ދީފައިވާ ނަމެއް،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ކޮންފަރެންސް ރޫމް ހެދުމުގެ ބޭނުމަކީ މިނިސްޓްރީން ބާއްވާ އިވެންޓްތައް އެހެން ތަނެއްގައި ބޭއްވުމުގެ ބަދަލުގައި މިނިސްޓްރީގައި ބޭއްވުން ކަމަށެވެ. އަދި ތަންތަން ކުއްޔަށް ހިފައިގެން އިވެންޓްތައް ބޭއްވުމަކީ ބޮޑެތި ހަރަދު ދާ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން އެ ހަރަދު ކުޑަވެގެންދާނެ ކަަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެ ކޮންފަރެންސް ރޫމަކީ ކޮން އިރަކު ހަދާފައިވާ ރޫމެއް ކަމާއި އެކަމަށް ހަރަދު ކޮށްފައިވަނީ ކިހާ ވަރެއް ކަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޓުވީޓު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ރައްޔިތުން ތިބީ ކޮވިޑަށް ޓެސްޓް ނުކުރެވި، ފައިސާ ނެތި ބަނޑަށް ޖެހެން ކައިރިވެފައި ކަމަށާއި އެތަނަށް ހަރަދު ކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ހަރަދު ކުރިނަމަ މާބޮޑަށްވެސް ރަނގަޅުވީސް ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން ހާލުގައި ޖައްސައިފައި ކުރާ ކަންކަން ބެލޭނީ ކޮވިޑް ވައްކަން ބަލާ ކޮމެޓީން ކަމަށާއި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދިވެސް ހުންނެވީ ހަނު ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟