ކޮވިޑް 19

ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 19 އަށް

މަރިޔަމް ޝަހުދާ

ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 19 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، ކޮވިޑް ޖެހިގެން ހުޅުމާލެ ފެސިލިޓީގެ އައިސީޔޫގައި އެޑްމިޓްކޮށްފައިވާ 80 އަހަރުގެ ދިވެހި އަންހެނެއް މިއަދު 9:30 ހާއިރު މަރުވެފައިވާ ކަމަށެވެ.

އެމީހާއަކީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ މީހެއް ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. މިއީ ކޮވިޑް19ގައި މިހާތަނަށް ރާއްޖޭގައި މަރުވި 19 ވަނަ މީހާއެވެ.

މިހާތަނަށް މިބަލީގައި މަރުވެފައްިވަނީ 13 ދިވެހިންނާއި 6 ބިދޭސީންނެވެ.

ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިއަހަރުގެ އޭޕްރީލް މަހުގެ 29ވަނަ ދުވަހުއެވެ. އެއީ 83 އަހަރުގެ އަންހެނެކެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރު ވަމުން އަންނައިރު، ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދުވެސް ކައިރި ކައިރީގައި އަންނަނީ އިތުރު ވަމުންނެވެ.

އެގޮތުން މިދިޔަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުވެސް ވަނީ އެ ބަލީގައި މީހަކު މަރުވެފައެވެ. އެޗްޕީއޭއިން ބުނީ، ކޮވިޑަށް އިއްޔެވެސް 129 މީހަކު ޕޮޒިޓިވްވި ކަމަށެވެ.

އެއާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ ޖުމުލަ އަދަދު ވަނީ 4293 އަށް އަރައިފައެވެ.