ދުނިޔެ

އަލިފާން ފަރުބަދައެއް ގޮވައި އިޓަލީއަށް ބިންހެލުމެއް އަތުވެއްޖެ

މުހައްމަދު އައުޒަމް

އަލިފާން ފަރުބަދައެއް ގޮވައި އިޓަލީއަށް ބިންހެލުމެއް އަތުވެއްޖެއެވެ.

އިޓަލީގެ ސިސިލީއަށް މި ބިންހެލުން އައިސްފައި ވަނީ ޖީއެމްޓީ ގަޑިން 02:19 ގައެވެ.

4.8 މެގްނިޓިއުޑްގެ މި ބިންހެލުމުގެ ސަބަބުން ސިސިލީގެ ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް މީޑިއާތަކުން ބުނެއެވެ.

އެޓްނާ އަލިފާން ފަރުބަދަ ގޮވަނީ

އަލިފާން ފަރުބަދަ ގޮވުމާއެކު ފަރުބަދަ ހުރި ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ވަނީ ރައްކާތެރިކަން ހޯދުމަށް އެސަރަހައްދު ދޫކޮށް ދިއުމަށް އިންޒާރުދީފައެވެ. އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އަޅި އާއި ދުން ބޯވެ އެރަށުގެ އެއާޕޯޓު ވަނީ ބަންދުކޮށްފައެވެ.

300،000 މީހުންގެ އާބާދީއެއް އޮންނަ އެސަރަހައްދުގެ މީހުން ބިންހެލުން އައުމާ އެކު ބިރުން ދުވެ މަގުމައްޗަށް ޖަމާވި ކަމަށް އިޓަލީގެ މީޑިއާއިން މައުލޫމާތު ދެއެވެ. މިހާދިސާގައި މީހަކު މަރުވިކަމުގެ ރިޕޯޓު އަދި ލިބިފައެއް ނުވެ އެވެ.