އެމްއެންޑީއެފް

އިންޑިއާއިން ދިން ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަނީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުން: ކޯސްޓް ގާޑު

ޝަހީދާ އަބްދުﷲ ސައީދު

އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާ ކުރި ހެލިކޮޕްޓަރުތައް އޮޕަރޭޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ކަމަށް ދިވެހި އަސްކަރިއްޔާއިން ބުނެފިއެވެ.

ކޯސްޓް ގާޑު ބިލްޑިންގުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯސްޓްގާޑްގެ ކޮމާންޑަރު ބްރިގޭޑިއާ އަލީ ޒުހައިރު ވިދާޅުވީ އިންޑިއާއިން ހަދިޔާކުރި ދެ ހެލިކޮޕްޓަރު އޮޕަރޭޝަނަށް ނެރުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ޒުހައިރު ވިދާޅުވީ ހެލިކޮޕްޓަރުތައް އުދުހުމުގައި އިންޑިއާ ސިފައިން ހަރަކާތްތެރިވި ނަމަވެސް ހެލިކޮޕްޓަރުތައް ރާއްޖޭގައި އޮޕަރޭޓް ކުރަނީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ކަމަށެވެ.

މީގެއިތުރުން ހެލިކޮޕްޓަރުތައް އުދުއްސައިގެން ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނެ މައުލޫމާތެއް އިންޑިއާއަށް އެއްކުރެވިދާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޒުހައިރު ވިދާޅުވީ އެފަދަ އެއްވެސް ފުރުސަތެއް ނުލިބޭނެ ކަމަށާއި އެފަދަ ކަމެއް ހިނގާނަމަ ދިވެހި ސިފައިން އަތް އުރާލައިގެން ނުތިބޭނެ ކަމަށެވެ.

''އެފަދަ އެއްވެސް މައުލުމާތެއް އެއްކުރުމަކަށް ފުރުސަތެއް ނުލިބޭނެ. އެފަދަ ކަމެއް ކުރާނަމަ އަޅުގަނޑުމެން އަތް އުރާލައިގެން ނުތިބޭނެ. އެމީހުން އެތިބެނީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި. އަޅުގަނޑުމެން ބުނީމާ ބުނާ ކަމެއް ކުރާނީ. އަޅުގަނޑުމެން ހުރިހާ އޮޕްރޭޝަނަލް ކޮންޓްރޯލްތަކެއް މި ގެންގުޅެނީ.'' ޒުހައިރު ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރުތައް ކުރީގެ ސަރުކާރުން އަނބުރައި ފޮނުވާލުމަށް ނިންމި ނަމަވެސް މިސަރުކާރުން ހެލިކޮޕްޓަރުތައް ފޮނުވައި ނުލާނެ ކަމަށް ވަނީ ބުނެފައެވެ.

އަދި ހެލިކޮޕްޓަރު ބޭނުން ކުރާނީ އެއްތަނުން އަނެއްތަނަށް ބަލި މީހުން އުފުލުމާއި އިމަޖެންސީ ހާލަތްތަކުގައި ކަމަށް ސަރުކާރުން ބުނެފައިވެއެވެ.