ޕީޕަލްސް ނެޝަނަލް ކޮންގްރެސް

ސިޔާސީ ޕާޓީ، ޕީއެންސީ އުފެއްދުމުގެ ހުއްދައަށް އެދި އަދުރޭ އަނެއްކާވެސް ހުށަހަޅުއްވައިފި

ރައީސް ޔާމިން އިސްވެ ހުންނަވައި އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް، (ޕީއެންސީ) އުފެއްދުމުގެ ހުއްދައަށް އެދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) އަނެއްކާވެސް ފޯމު ހުށަހަޅުއްވައިފި އެވެ.

އަދުރޭ އިލެކްޝަނަށް އަލުން ފޯމު ހުށަހަޅާފައި ވަނީ މިއަދު 1:30 ގަ އެވެ.

"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި އީސީގެ ރައީސް އަހުމަދު ޝަރީފު ދާދި ދެންމެ ވިދާޅުވީ އަބްދުއްރަހީމް އަލުން ފޯމު ހުށަހެޅުއްވީ އޭނާ ކުރީން ހުށަހެޅުއްވި ފޯމުގެ ދަށުން އެ ހުއްދަ ނުދޭން އިލެކްޝަނުން ނިންމުމުން ކަމަށެވެ.

"ކުރީން އޮތް ގޮތުން ހުއްދަ ނުދޭން އަޅުގަނޑުމެން ނިންމީ. އެއީ އޭރު އޭނާ އަކީ ޕާޓީއެއްގެ މެންބަރެއް. ގަވައިދު ބުނާ ގޮތުން އެއްވެސް ޕާޓީއެއްގެ މެންބަރަކަށް އެހެން ޕާޓީއެއް އުފައްދާކަށް ހުއްދައެއް ނުދެވޭނެ." ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ ޕީޕީއެމްގެ މެންބަރު ކަމުން ވަކިވެވަޑައިގަތުމަށް އަދުރޭ ހުށަހެޅުއްވުމާ ގުޅިގެން އޭނާ އެ ޕާޓީގެ މެންބަރުކަމުން މިހާރު ވަކިކޮށްދީފައިވާ ކަމަށެވެ.