ކުއްލި ޚަބަރު

ކޮވިޑް ޖެހޭ މީހުންގެ އަދަދު މައްޗަށް، މިއަދު 77 މީހަކު ޕޮޒިޓިވް ވެއްޖެ

އަލީ އަފާފު ރަމީޒު

މިދިޔަ 24 ގަޑިއިރު ތެރޭ 77 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 3252 އަށް އަރައިފި އެވެ. މިއީ މިމަހުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ދުވަހެވެ.

އައްޑޫ ސިޓީ އާއި ޏ. ފުވައްމުލަކު ސިޓީ އަދި ހއ. އިހަވަންދޫގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު އެކަނިވެސް ގާތްގަނޑަކަށް 77 މީހުން ބައްޔަށް ޕޮޒިޓްވެފައިވާ ކަމަށް ވިދާޅުވި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނާ ގޮތުގައި، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 56 ދިވެއްސަކާއި ބަންގުލަދޭޝްގެ 20 މީހަކާއި އިންޑިއާގެ މީހެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 36 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 2534 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 688 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

އެ އެޖެންސީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި އެއްވެސް މީހަކު ނެތެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 541 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 15 މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދިހަ ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ނުވަ ދިވެއްސަކު ހިމެނެ އެވެ.