ޕީޕަލްސް ނެޝަނަލް ކޮންގްރެސް

ޝަރުތު ހަމަ ނުވާތީ ޔާމީންގެ ޕާޓީ އުފައްދަން އަދުރޭއަށް ހުއްދަ ނުދޭން ނިންމައިފި

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ޝަރުތު ހަމަނުވާތީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ސިޔާސީ ޕާޓީއެއް ހައްދަވާން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ ހުށަހެޅުއްވި ހުށަހެޅުން ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވަނީ އެކަން "ވަން އޮންލައިން" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ޝަރީފު ވިދާޅުވީ ސިޔާސީ ޕާޓީ ތަކާ ބެހޭ ގަވައިދު ބުނާ ގޮތުން އެއްވެސް ޕާޓީއެއްގެ މެންބަރަކަށް އެހެން ސިޔާސީ ޕާޓީއެއް ނުއުފެއްދޭނެ އެވެ. އެހެން ކަމުން އަދުރޭ އަކީ ޕީޕީއެމްގެ މެންބަރަކަށް ވާތީ އޭނާގެ އެ ޝަރުތު ހަމަ ނުވަނީ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނަމުގައި ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އަދުރޭ އިލެކްޝަނަށް ހުށަހެޅުއްވީ މި މަހުގެ 23 ވަނަ ދުވަހު އެވެ. އެ ހުއްދަ އޭނާ އަށް ނުދެއްވަން އިލެކްޝަނުން ނިންމީ މިއަދު އެވެ.