ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރު ގައުމުތަކުގެ ޖާސޫސުން ހަރަކާތްތެރިވާ ކަމަށް ބުނެ ވާހަކަ ދައްކަނީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަން ކަމަށް ދިވެހި އަސްކަރިއްޔާއިން ބުނެފިއެވެ.
ކޯސްޓް ގާޑު ބިލްޑިންގުގައި މިއަދު ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ކޯސްޓްގާޑްގެ ކޮމާންޑަރު ބްރިގޭޑިއާ އަލީ ޒުހައިރު ވިދާޅުވީ އެ ވާހަކައަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދަން ބަޔަކު ދައްކާ ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.
ޒުހައިރު ވިދާޅުވީ ރާއްޖޭގައި ދިވެހި ސިފައިންނަށް އެހީތެރިވުމަށް ހާއްސަކޮށް އިންޑިއާގެ ސިފައިން ތިބޭ ކަމަށާއި އެމީހުންނަކީ ޖާސޫސުން ކަމަށް ބުނެ އަޑު ފަތުރަމުންދާ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
އަދި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ސިފައިން ބަލަހައްޓާނެ ކަމަށާއި 24 ގަޑި އިރު ސިފައިންނަށް ބެލެން އޮތް އެންމެ ރަނގަޅަކަށް ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން އެފަދަ އެއްވެސް ކަމެއް ކުރަން ބަޔަކު އުޅޭ ނަމަ އެކަމެއް ހުއްޓުވުމަކީ ސިފައިންގެ މަސްއޫލިއްޔަތެއް ކަމަށާއި އެކަން ކުރާނެ ކަމަށް ޒުހައިރު ވިދާޅުވިއެވެ.
މީގެއިތުރުން ޑިފެންސް ކޯޕަރޭޝަން މެކޭނިޒަމުގެ ދަށުން ވައިގެ މަގުންނާއި ކަނޑުގެ މަގުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު މިހާރު ވެސް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ދެމެހެއްޓެނިވި ގޮތެއްގައި އެކަންކަން ކުރެވޭނީ ކޯސްޓްގާޑުގެ ވަސީލަތްތައް ހޯދައި މިހާރު ހުރި ވަސީލަތްތައް އިތުރަށް ތަރައްގީ ކުރެވިގެން ކަމަށް ވެސް ޒުހައިރު ވިދާޅުވިއެވެ.