ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ގޮތުން ކޮންމެ އަހަރަކު އެވަރެޖްކޮށް 460 މިލިއަން ސިނގިރޭޓު ރާއްޖެއަށް އެތެރެ ކުރެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ 1.6 ބިލިއަން ރުފިޔާ ކޮންމެ އަހަރަކު ސިނގިރޭޓު ގަތުމަށް ދިވެހީން ހޭދަ ކުރާ ކަމަށެވެ.
"ދުންފަތުގެ އިސްތުމާލުކުރާ އާބާދީއަށް ބަލާއިރު މަހަކަށް ގާތްގަނޑަކަށް 5،600 ސިނގިރޭޓު. 1،800 ރުފިޔާ އެބަ ހޭދަ ކުރޭ ސިނގިރޭޓު ބޯ މީހުން ކޮންމެ މަހަކަށް،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ ހިމެނޭ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް އެކަކު އެންމެ ގިނައިން ސިނގިރޭޓު ބޯ އެއް ގައުމަކީ ރާއްޖެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ސިނގިރޭޓް ބޯ ދިވެއްސަކު އެވަރެޖްކޮށް 14 ސިނގިރޭޓް ބޯ ކަމަށް ހަސަން ވިދާޅުވި އެވެ.
ސިނގިރޭޓްގެ އިތުރުން އެނާޖީ ޑްރިންކް ބޭނުންކުރުމަކީވެސް ރާއްޖޭގައި އޮތް ވަރަށް ބޮޑު ނުރަނގަޅު އާދައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަސަން މުހައްމަދު ވިދާޅުވީ ވޭތުވެ ދިިޔަ ހަ މަސް ދުވަހުގެ ތެރޭގައި 80.2 މިލިއަން ރުފިޔާ ވަނީ އެނާޖީ ޑްރިންކްސް އަށް ހޭދަ ކޮށްފައި ކަމަށެވެ.