ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ސަރުކާރުގައި ކަންކަން ބަދަލުވެގެންދިޔައީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްސަލައަކުން ނޫން ކަމަށާއި ކަންކަން ބަދަލުވެގެންދިޔައީ ރައީސް ޔާމީންގެ ކަންނެތްކަމާއި ހުދުމުހުތާރު ކަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ އިފްތިތާހީ ޖަލްސާގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ކަންކަން ބަދަލުވެގެންދިޔައީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަމަށާއި އެކަން ވެގެންދިޔައީ ރައީސް ޔާމީންގެ އަނިޔާވެރިކަމުން ކަމަށެވެ.
"ސަރުކާރުގެ ތެރެއިން އަޅުގަނޑަށް ލިބެންވާ އެހީތެރިކަން ވެސް ލިބިގެންދިޔައީ އަހްމަދު އަދީބުގެ ބުރަ މަސައްކަތުން. އެހެންނަމަވެސް މުޅި މޫސުން ބަދަލުވެ، އަޅުގަނޑުމެންގެ އުފާވެރި މަންޒަރުތައް ބަދަލުވެގެންދިޔައީ ދާދި ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި. ރައީސް ޔާމީންގެ ކަންނެތްކަމުން، ރައީސް ޔާމީންގެ ހުދުމުހުތާރުކަމުން، ރައީސް ޔާމީންގެ އަނިޔާވެރިކަމުން ހުރިހާ ކަމެއް ބަދަލުވެގެންދިޔައީ. ރައީސް ޔާމީންގެ އަމިއްލަ އެދުން ބޮޑުވެގެންދިއުމުން ހުރިހާ ކަމެއް ބަދަލުވެގެންދިޔައީ. އަހްމަދު އަދީބުގެ މައްސަލައަކުން ނޫން މި ހިސާބުން ދިމާވީ،" އެމްޓީޑީގެ ހާއްސަ ދައުވަތަކަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ތިއްބެވީ ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދީބު ފަހަތްޕުޅުގައި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގިނަ ކަންތައްތަކެއް ބަލަހައްޓަމުންދިޔައީ ރައީސް ޔާމީންގެ ބަދަލުގައި އަދީބު ކަމަށެވެ. އަދި އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނާ ވެސް އަދީބާ ވަރަށް ގާތް ގުޅުމެއް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ނުދަން އަހްމަދު އަދީބު ކައިރިއަކަށް ދުވަހަކުވެސް ފަޅުރަށެއް، ގިރިއެއް، ފިހާރައެއް ހޯދާކަށް. އަޅުގަނޑުމެން ދަނީ އަޅުގަނޑުމެންގެ ދާއިރާގެ ތަރައްގީއަށް މަސައްކަތްކޮށްދިނުމަށް. އޭގެން ކޮންމެ ކަމެއްގައި، ކޮންމެ ވަގުތެއްގައި އަހްމަދު އަދީބު ކޮންމެ ގަޑިއެއްގައި ބައްދަލުކޮށްފައި އަޅުގަނޑުމެންގެ ތަރައްގީއަށްޓަކައި މަސައްކަތްކޮށްދޭ އެމަނިކުފާނު. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ތަރައްގީއަށްޓަކައި އެމަނިކުފާނު މަސައްކަތްކޮށްދެއްވި އުސޫލުން އަޅުގަނޑުމެންގެ ދާއިރާއަށް ވެސް ބޮޑެތި ތަރައްގީތަކެއް ގެނެއުމަށްޓަކައި އަހްމަދު އަދީބުގެ އެހީތެރިކަން އަޅުގަނޑުމެން ހޯދިން،" އޭނާ ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ އަދީބު ޕީޕީއެމް އަދި ސަރުކާރުން ދިޔަ ފަހުން ރައީސް ޔާމީނަށް އެއްވެސް ތަރައްގީއެއް ގެނެވިފައި ނުވާ ކަމަށާއި ގެނެވުނު ތަރައްގީއަކީ އަދީބާއެކު ރައީސް ޔާމީން މަސައްކަތްކުރެއްވި އިރު ގެންނަން ނިންމެވި ތަރައްގީތައް ކަމަށެވެ.
"އަހްމަދު އަދީބު ނެތީމާ ހުރިހާ ކަމެއް ދިޔައީ އެފުށް މިފުށަށް ބަދަލުވެގެން. އަޅުގަނޑު މިދަންނަވަނީ ރައީސް ޔާމީނަށް ދެން ކުރެވުނު ކަމެއް ނެތޭ. ހަމައެކަނި ތާސްބައިގެ 13 ގަނޑު ހިފައިގެން އިނުން ފިޔަވައި އެއްވެސް ކަމެއް ނުކުރެވުނު އެމަނިކުފާނަކަށް. ރައީސް ޔާމީން ފެއިލް ވެގެންދިޔައީ އަހްމަދު އަދީބު ރައީސް ޔާމީން ކައިރިން ދިޔައީމާ،" އޭނާ ވިދާޅުވިއެވެ.