ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، އުތުރު ތިލަފަޅުގައި ތަރައްގީ ކުރަމުންދާ ސިފަވަރަށް ޒިޔާރަތްކުރައްވައިފިއެވެ.
މިއަދު ހަވީރު ޑިފެންސް މިނިސްޓަރު މާރިޔާ ސިފަވަރަށް ކުރެއްވި ޒިޔާރަތުގައި އެރަށުގައި ހަދާފައިވާ ބައެއް އިމާރަތްތައް ވަނީ ބައްލަވާލައްވައިފައެވެ. އަދި ސިފަވަރުގެ އިތުރުން އުތުރު ތިލަފަޅު ސަރަހައްދު ތަރައްގީ ކުރުމަށް ޕްލޭން ކުރެވިފައިވާ ގޮތާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓަރު ވަނީ މައުލޫމާތު އޮޅުންފިލުއްވައިފައެވެ.
ސިފަވަރުގެ އިތުރުން އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ގޮތާ ގުޅޭ ގޮތުން މިނިސްޓަރު މާރިޔާއަށް މައުލޫމާތު ދެއްވާފައިވަނީ ސިފައިންގެ ވެލްފެއަރ ކުންފުނި (ސިވެކް) ގެ ޗެއާމަން ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހައިރެވެ.
ޑިފެންސް މިނިސްޓަރު ސިފަވަރަށް މި ކުރެއްވި ޒިޔާރަތުގައި އެކަމަނާގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ.
އުތުރު ތިލަފަޅު ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2013 އޯގަސްޓް މަހުގެ 06 ވަނަ ދުވަހުއެވެ. އަދި ސިފަވަރުގައި ކޯސްޓްގާޑު އުޅަނދު ފަހަރު އެޅުމަށް ތަރައްގީ ކުރި ކަލާސީ ބަނދަރާއި ސިފަވަރުގައި އިމާރާތްކުރި މިސްކިތް ހުޅުވާފައިވަނީ 21 މާރިޗު 2014 ގައެވެ.