އެޗްޑީސީ

ހުޅުމާލޭ ބީޗް ސަރަހައްދުގައި ވިޔަފާރި ކުރާ ފަރާތްތަކުން އަންނަ މަސް ނިމުމުގެ ކުރިން އެތަން ހުސްކުރުމަށް އަންގައިފި

1

އަންނަ މަހުގެ 31ގެ ކުރިން ވިޔަފާރި ބޭނުމަށް ހުޅުމާލޭ ބީޗް ސަރަހައްދު ބޭނުންކުރަމުންދާ ފަރާތްތަކުން އެ ސަރަހައްދު ހުސްކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގެ އިރުމަތީ ފަރާތުގެ ގޮނޑުދޮށާއި ހޭޅިފަށް ސަރަހައްދަކީ އެ ކޯޕަރޭޝަނުން ހުޅުމާލޭގައި ދިރިއުޅޭ އެންމެހާ އާންމު ފަރުދުންނާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކުން ބޭނުންކުރުމަށް ވަކި ގޮތަކަށް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދެއް ކަމަށެވެ.

"އެހެންކަމުން އެ ސަރަހައްދުގައި ހައްދާފައިވާ ގަސްތައް ކޮށައި، ހަޓު، ގޮނޑި އަދި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން މި ސަރަހައްދުތައް ބޭނުންކުރުމަކީ މި ކޯޕަރޭޝަނުން ހުއްދަ ކުރާ ކަމެއް ނޫން ކަމުގައި ދަންނަވަމެވެ. ވުމާއެކު ހުޅުމާލޭގެ އިރުމަތީ ފަރާތުގެ ގޮނޑުދޮށާއި ހޭޅިފަށުގައި އެއްވެސް އިމާރާތެއް ހަދައި ނުވަތަ އެ ސަރަހައްދު ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދީފައި ނުވާތީ، 31 ޖެނުއަރީ 2019ގެ ނިޔަލަށް ވިޔަފާރި ބޭނުމަށް އެ ސަރަހައްދު ބޭނުންކުރަމުންދާ ފަރާތްތަކުން އެ ސަރަހައްދު ހުސްކުރުމަށް ދަންނަވަމެވެ..،" އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ އެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުރަމުންދާ އިމާރާތްކުރުމުގެ މަސައްކަތް ވެސް ހުއްޓާލުމަށާއި މިހާތަކަށް އެގޮތަށް ކުރެވިފައިވާ އިމާރާތް ވެސް ނެގުމަށް ދަންނަވާ ކަމަށާއި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި އެ ސަރަހައްދު ހުސްކޮށްފައިނުވާ ނަމަ އެ ކޯޕަރޭޝަނުން އެ ސަރަހަރއްދުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

"އަދި މިކަމުގެ ސަބަބުން ތަނުގައި ބެހެއްޓިފައިވާ އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ ވާހަކަވެސް ދަންނަވަމެވެ. އަދި، ގަވާއިދާ ހިލާފަށް މަސައްކަތް ކުރިއަށްގެންދާ ނަމަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައި ފިޔަވަޅު އެޅޭނެ ވާހަކަވެސް ދަންނަވަމެވެ..،" އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ.

އެޗްޑީސީގެ އިއުލާނުގައި ބުނެފައިވަނީ އެ ސަރަހައްދު ތަރައްގީކުރާނެ ގޮތުގެ އުސޫލެއް ވަރަށް އަވަހަށް އެކުލަވާލައި އާންމުކުރާނެ ކަމަށާއި އެ ސަރަހައްދު ތަރައްގީކުރުމުގައި އެ ސަރަހައްދަށް ޒިޔާރަތްކުރާ އާންމުންނަށް އެ ސަރަހައްދު ޕަބްލިކް އޭރިއާއެއްގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް، އަދި އެ ސަރަހައްދުން މިހާރުވެސް ލިބެމުންދާ ހިދުމަތްތައް ލިބޭނެ ފަދަ ގޮތަކަށް ފަރުމާ ކުރެވިގެންދާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟