ބްރެޒިލްގެ ރައީސް ކޮވިޑަށް ކުރި ދެވަނަ ޓެސްޓުވެސް ޕޮޒިޓިވް ވެއްޖެ އެވެ.
ފޭސްބުކް ލައިވް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ވަނީ ހާލުކޮޅު ރަނގަޅުކަމަށާއި ކޮވިޑަށް ކުރި ދެވަނަޓެސްޓުވެސް ޕޮޒިޓިވް ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ބޮލްސޮނާރޯ ވަނީ މިހާރު އެއްވެސް އަލާމާތެއް ފެންނަން ނެތްކަމަށް ވިދާޅުވެފައެވެ. އަދި ޕޮޒިޓިވްވިކަން ފުރަތަމަ އެނގިވަޑައިގެންނެވި ދުވަހުން ފެށިގެން އެންޓި މެލޭރިއާ ބޭސް ހައިޑްރޯކްލޮރޮކީން ބޭނުންފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ބޮލްސޮނާރޯ ވިދާޅުވީ މެލޭރިއާބޭސް ބޭނުންކުރުމަށް އިރުޝާދުދީފައިވަނީ މިލިޓަރީ ޑޮކްޓަރެއް ކަމަށާއި އެކަމުން އެއްވެސް ނުރައްކަލެއް ފާހަގަވެފައި ނުވާ ކަމަށެވެ.
އުމުރުފުޅުން 65 އަހަރުގެ ބޮލްސޮނާރޯ ފާހަގަކުރެވިފައިވަނީ ކޮވިޑުގެ ނުރައްކާ ހާލަތުގައިވެސް އެކަމާ އެހާ ބޮޑަށް ކަންބޮޑުވެވަޑައި ނުގަންނަވާ ރައީސެއްގެ ގޮތުގައެވެ. ރައީސް ބޮލްސޮނާރޯ ވަނީ ކޮވިޑުން ރައްކާތެރިވުމަށް ގައިދުރުކަމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ބޮލްސޮނާރޯ ވަނީ އެގައުމުގައި ކުރިއަށްދިޔަ ސިޔާސީ އެއްވުންތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި މިފަދަ އެއްވުންތަކުގައި ބައިވެރިވާ އިރު ގިނަފަހަރު މާސްކު ވެސް ނާޅުއްވާކަން ވަނީ ފާހަގަކުރެވިފައެވެ.
ބްރެޒިލް އަކީ ދުނިޔޭގެ ދެވަނަޔަށް އެންމެ ގިނަ ކޮވިޑް ކޭސް ފެނިފައިވާ ގައުމެވެ. އެގައުމުން މިހާތަނަށް 1.97 މިލިއަން ކޮވިޑް ކޭސް ފެނިފައިވާއިރު މިހާތަނަށް 75 ހާހަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.