އިންޑޮނޭޝިއާއަށް 7.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމަށް ފަހު އެރި ސުނާމީގައި އެގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ބިންހެލުން އައުމާއެކު އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ވަނީ ސުނާމީއެއް އަރާފާނެކަމުގެ އިންޒާރު ދީފައެވެ. 7.5 މެގްނިޓިއުޑްގެ ބިންހެލުމަށްފަހު އެގައުމަށް އައި ކުދިކުދި ލޮޅުންތަކަކާއެކު ބާރުގަދަ 13 ލޮޅުން އައިކަން ރެކޯޑު ކުރެވިފައިވެއެވެ. އެގޮތުން 6.7 މެގްނިޓިއުޑްގެ ލޮލުމެއްވެސް ވަނީ ރެކޯޑު ކުރެވިފައެވެ.
ބިންހެލުމަށްފަހު އުފެދުނު ސުނާމީގެ ބިޔަ ރާޅުތައް އެންމެ ފުރަތަމަ އަރާފައިވަނީ ޑޮންގަލާ އަދި ޕައުލް އަށެވެ. އައްސޭރިފަށާ ކައިރީގައިވާ މި ދެ އަވަށުގެ އާބާދީ ތިން ލައްކައަށް ވުރެ ގިނައެވެ.
އިންޑޮނޭޝިއާގެ ޑިޒާސްޓަރ އެޖެންސީގެ ތަރުޖަމާނު މީޑިއާއާ ވާހަކަދައްކަވަމުން ވިދާޅުވީ ފުރަތަމަ ސުނާމީ އެރި ދެ އަވަށަށް ސުނާމީ އެރުމާއެކު މުޅި ސަރަހައްދު ދޮވެލި ކަމަށެވެ. އެތަކެއް ގެއެއް އޮޔާދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. ބޮޑު އާބާދީއެއް އޮންނަ މިސަރަހައްދުގައި ދިރިއުޅޭ އެތައް އާއިލާތަކެއް ވީނުވީ ނޭނގި ގެއްލިފައިވާ ކަމަށް ތަރުޖަމާނު މައުލޫމާތު ދިނެވެ.
ސުނާމީ އެރި ސަރަހައްދުގައި ކަރަންޓު ނެތުމާއި މުއާސަލާތީ ހިދުމަތް ކެނޑިފައިވާތީ، އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހުރަސް އެޅިފައެވެ. އެ ސަރަހައްދުގެ ހާލަތު ހުރިގޮތުން އެހީތެރިކަން ފޯރުކޮށްދޭ ޓީމުތަކާއި އެންމެ އަވަހަށް ވެސް އަވަސް އެހީ ފޮނުވޭނީ މާދަމާ ހެނދުނު ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އެހީ ފޯރުކޮށްދިނުމުގެ ކަންކަން ތައްޔާރީ ހާލަތުގައި ހުރި ކަމަށް މައުލޫމާތު ލިބެއެވެ.
ސުނާމީގައި ލިބުނު ގެއްލުމުގެ ސަބަބުން ޕައުލްގެ އެއާޕޯޓް ވަނީ ބަންދުކޮށްފައެވެ. ޕައުލް އެއާޕޯޓަކީ އިންޑޮނޭޝިއާގެ ވައިގެ ދަތުރުފަތުރުގައި މައި ހަބެއް ކަމަށް މައުލޫމާތު ލިބެއެވެ.