ކުއްލި ޚަބަރު

ސީއެސްސީގެ މެމްބަރު ޒަކަރިއްޔާ އިސްތިއުފާ ދެއްވައިފި

އިބްރާހިމް ޒަކީ

ސިވިލް ސާވިސް ކޮމިޝަން، (ސީއެސްސީ)ގެ މެންބަރު ޒަކަރިއްޔާ ހުސެއިން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޒަކަރިއްޔާ ސިވިލް ސާވިސްގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައި މި ވަނީ އޭނާ އާއި އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެންބަރު އިބްރާހީމް ޝަހީގު ކޮމިޝަނުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓަށް ވޯޓަށް އަހަން ކުޑަތަންވެފައި ވަނިކޮށެވެ.

ޒަކަރިއްޔާ ކޮމިޝަނުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ، އެ ބޭފުޅުން ވަކިކުރަން ހުށަހަޅާފައިވާ ރިޕޯޓުގެ ބަހުސް ހުޅުވައިލައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މިއަދު ހެނދުނު އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ކޮމިޝަނުން އިސްތިއުފާ ދެއްވިކަން އާންމު ކުރެއްވީވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ކޮމިޝަންގެ މެންބަރުން ވަކި ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފޮނުވި ރިޕޯޓުގައި އެ ބޭފުޅުން ވަކިކުރަން ޖެހޭ ހަތް ކަމެއް ފާހަގަ ކޮށްފައި ވެއެވެ.

އޭގެ ތެރޭގައި މުވައްޒަފުން ނެގުމުގައި ސިވިލް ސާވިސްގެ ގަވާއިދާ ހިލާފަށް ކޮމިޝަނުން އަމަލު ކޮށްފައި ވުމާއި، މިނިސްޓްރީތަކަށް ޕާމަނަންޓް ސެކްރެޓަރީން ނަގާއިރު، ވަކި ފަރާތަކަށް އެ މަގާމު ދިނުމަށްޓަކައި، ޕާމަނަންޓް ސެކްރެޓަރީން ނަގާ ކޮންމެ ފަހަރަކު ބައެއް ފަރާތްތަކަށް ޝަރުތުތައް މަތިކޮށް އަނެއްބައި ފަރާތްތަކަށް ޝަުތުތައް ލުއި ކުރުމަށް އުސޫލަށް ބަދަލު ގެނައުން ހިމެނެއެވެ.

މީގެ އިތުރުން ނޯޓިސްއަކާ ނުލައި މުވައްޒަފުން މަގާމުން ވަކިކުރާ ހާލަތުގައި ޖަވާބުދާރީވުމަށް މުވައްޒަފުންނަށް ފުރުސަތު ނުދިނުންވެސް ހިމެނެއެވެ. ރިޕޯޓްގައި ބުނެފައިވަނީ އެގޮތަށް ނޯޓިސްއަކާ ނުލައި 90 މުވައްޒަފުން ވަކިކޮށްފައިވާ ކަމަށެވެ.

ކޮމިޝަންގެ މެންބަރުންގެ މެދުގައި ގުޅުން ކުޑަކަމުގެ ސަބަބުން ގާނޫނުގެ ދަށުން ކޮމިޝަނާ ހަވާލު ކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި ދަތިތައް ކުރިމަތިވެފައި ވުންވެސް ކޮމިޓީ ރިޕޯޓިގައި މެންބަރުން ވަކިކުރަން ޖެހޭ ސަބަބުތަކުގެ ގޮތުގައި ހިމަނާފައި ވެއެވެ.