ސޯލްގެ މޭޔަރު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ މޭޔަރު ޕާކް ވޮން ސޫން ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވައި ފެނިފައިވަނީ ސޯލްގެ އުތުރު މައުންޓް މުގަކް ސަރަހައްދުންނެވެ.
ޕާކް ވޮން ސޫން ވަނީ ގެއިން ނިކުތުމުގެ ކުރިން މެސެޖެއް ގޭތެރޭގައި ބާއްވަވައިފައިކަމަށް އާއިލާއިން ވަނީ ބުނެފައެވެ. ނަމަވެސް ތަހުގީގުގެ ބޭނުމުގައި އެމެސެޖު ވަނީ ސިއްރު ކޮށްފައެވެ.
މޭޔަރު ޕާކް ވޮން ސޫން މަރުވެފައި އޮއްވައި ފެނިފައިވާއިރު މަރުވާން ދިމާވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. 600 ފުލުހުންނާއި އެސިޓީގެ ފަޔަރ އޮފިސަރުން ވަނީ ޕާކް ވޮން ސޫން ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފައެވެ.
ޕާކް ވޮން ސޫން ހޯދިފައިވަނީ އޭނާގެ ފޯނު އޮތް ލޮކޭޝަން ޓްރެކް ކޮށްގެން ކަމަށް ސޯލްގެ ފުލުހުން ބުނެއެވެ. 2011 ވަނަ އަހަރުން ސުރެ ސޯލްގެ މޭޔަރުކަން ކުރައްވާ ސޫން އެ މަގާމުގައި ހުންނަވާތާ މިއީ ތިން ވަނަ ދައުރެވެ.
ޕާކް ވޮން ސޫން ގެއްލުމުގެ ކުރިން އޭނާގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައި ވެއެވެ. ނަމަވެސް މިކަމުގެ މައުލޫމާތު އެގައުމުގެ ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.