އިމިގްރޭޝަން

އިމިގްރޭޝަން ކޮންޓްރޯލަރު ކަމަށް ހަނަފީ، ޑެޕިއުޓީ ކަމަށް އަޝްރަފު މިއަދު އައްޔަން ކުރަނީ

ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ކަމަށާއި ޑެޕިއުޓީ ކޮންޓްރޯލަރު ކަމަށް މިއަދު ބޭފުޅުން އައްޔަންކުރައްވާނެ ކަމަށް "ވަން އޮންލައިން"އަށް ޔަގީން ވެއްޖެ އެވެ. އިމިގްރޭޝަން ކޮންޓްރޯލަރު ކަމަށާއި ޑެޕިއުޓީ ކަމަށް މިއަދު ބޭފުޅުން އައްޔަން ކުރާނެ ކަމަށް މައުލޫމާތު ލިބޭ އިރު، އެމަގާމުގައި ކުރީން ހުންނެވި މުހައްމަދު އަންވަރު ވަނީ މިއަދުން ފެށިގެން މަގާމުން އިސްތިއުފާދެއްވައިފަ އެވެ.

ކުރީން އަޑު ފެތުރިފައިވާ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާ އިމިގްރޭޝަން ކޮންޓްރޯލަރު ކަމަށް އައްޔަން ކުރައްވަން ނިންމަވައިފައި އޮތީ އަހުމަދު ފަޔާޒް (އެފްއޭ) އެވެ. އޭނާ އަކީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ. އަދި މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅާފައިވާ އެމްބެސެޑަރުގެ މަގާމުވެސް ރައީސް ޔާމީންގެ ސަރުކާރުގައި ފަޔާޒު ފުރުއްވިއެވެ.

ވަން އޮންލައިން މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންޓްރޯލަރު އޮފް އިމިގްރޭޝަން އަށް އައްޔަން ކުރައްވަނީ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެވެ. އެއީ ޖޭޕީގެ ސްލޮޓެއްގަ އެވެ. ހަނަފީ ވަނީ ކުރީން ދުވަހު ނޫސް އަވަސް އަދި ޕީއެސްއެމްގައި މަސައްކަތްކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަނުގެ މަގާމަށް އައްޔަން ކުރައްވަނީ މިހާރު ޗީފް ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި އިބްރާހީމް އަޝްރަފު އެވެ.

ކުރީގެ ކޮންޓްރޯލަރު އަންވަރު މިއަދު އިސްތިއުފާދެއްވާފައިވާ އިރު، އިމިގްރޭޝަން ގާނޫނު ބުނާގޮތުން ޕާސްޕޯޓުގައި ސޮއިކުރައްވާނީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެވެ.