އިންޑިނޭޝިއާއަށް އައި ބާރުގަދަ ބިންހެލުންމަށްފަހު، އެ ގައުމުގެ ޕާލޫގެ ސުލަވޭސީ އައިލެންޑަށް ސުނާމީއެއް އަރައިފިއެވެ.
އިންޑިނޭޝިއާގެ ސުލަވޭސީ އައިލެންޑަށް އެރި ސުނާމީގައި، ރާޅުތަކުގެ އުސްމިނުގައި ދެ މީޓަރު (6.6 ފޫޓް) ހުންނަ ކަމަށް ކަމާ ގުޅޭ އިދާރާތަކާ ހަވާލާދީ ނޫސްތަކުން ބުނެފައިވެއެވެ. އިންޑޮނޭޝިއާއަށް ބިންހެލުމަކާއެކު ސުނާމީއެއް އެރި ނަމަވެސް، ރާއްޖޭގެ ސުނާމީގެ އަސަރެއް ނެތް ކަމަށް ރާއްޖޭގެ މެޓް އޮފީހުން މައުލޫމާތު ދެއެވެ.
އިންޑޮނޭޝިއާގެ ސެންޓްރަލް ސުލަވޭސީ ސަރަހައްދަށް އައި ބިންހެލުމަށްފަހު އިންޑޮނޭޝިއާގެ ޕާލޫއާއި ޑޮންގާލާއަށް ސުނާމީއެއް އެރިކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް އިންޑޮނޭޝިއާގެ ކާރިސާތަކާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
އިންޑޮނޭޝިއާގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ، ބައެއް އާއިލާތަކުން މީހުން ގެއްލިފައިވާ ކަމުގެ ރިޕޯޓް ދެމުންދާ ކަމަށާއި ލިބިފައިވާ މީހުންނަށް ލިބިފައިވާ އަނިޔާއާއި ތަންތަނަށް ވެފައިވާ ގެއްލުމުގެ ތަފްސީލް އަދި މުޅިން ނުލިބޭ ކަމަށެވެ. ގިނަ ގެތައް ބޭނުންނުކުރެވޭ ވަރަށް ގެއްލުންތައް ވެފައިވާ ކަމަށް އޮފިޝަލަކާ ހަވާލާދީ އެސޯސިއޭޓެޓް ޕްރެސްއިން ބުނެއެވެ.
"އަހަރެމެންނަށް އަދި މުޅިން އެކަމުގެ ހުރިހާ ރިޕޯޓެއް ނުލިބޭ. ފުރަތަމަ އައި ބިންހެލުމުގެ އަސަރު ނުވަ އަވަށަކަށް ކޮށްފައިވޭ. އޭގެ ސަބަބުން ގިނަ ބަޔަކަށް އޭގެ އަސަރުކުރި،" އޭޕީއަށް ދިން އިންޓަވިއުއެއްގައި އޮފިޝަލަކު ބުންޏެވެ.
އިންޑޮނޭޝިއާއިން މިހާރު ދަނީ ސުނާމީ އެރި ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުންނެވެ. އިންޑޮނޭޝިއާއަށް އައި ފުރަތަމަ ބިންހެލުމަށްފަހު ކައިރިކައިރީގައި ގިނަ ބިންހެލުންތަކެއް އައިސްފައިވެއެވެ. އެ ބިންހެލުންތަކާއެކު ފުރަތަމަ ސުނާމީގެ އިންޒާރު ދިން ނަމަވެސް، ފަހުން އެ އިންޒާރު އުވާލާފައިވެއެވެ.