ދުނިޔެ

އެމެރިކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ތިން މިލިއަނަށް އަރައިފި

މުހައްމަދު އައުޒަމް

އެމެރިކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ތިން މިލިއަނަށް އަރައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާރު ސްޕީޑެއްގައި ފެތުރެމުންދާ ކޮވިޑް19ގެ އެންމެ ހަލުވިކޮށް ފެތުރެމުން ދަނީ އެމެރިކާގައެވެ. އެމެރިކާގައި މިހާތަނަށް 131،000 އަށް ވުރެ ގިނަ މީހުން މިބަލީގައި މަރުވެފައިވާ ކަމަށް ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ޑޭޓާތަކުން ދައްކައެވެ.

އެމެރިކާގެ ހާލަތު މިހާ ގޯސްވެފައިވީ ނަމަވެސް ވައިޓް ހައުސް އިން ދަނީ ބޮޑެތި ލުއި ތަކެއް ދިނުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ސްކޫލްތައްވެސް ހުޅުވަން ނިންމާފައި ވެއެވެ. ވައިޓް ހައުސްގެ ކޮވިޑް ޓާސްކްފޯސްގެ އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވެސް ވަނީ އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިވެގެން ނުވާނެކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެމެރިކާ އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށް ވިދާޅުވެފައެވެ.

މިދިޔަ އަންގާރަ ދުވަހު އެކަނިވެސް އެމެރިކާއިން ކޮވިޑްގެ 60،000 ކޭސް ފެނިފައިވާއިރު މިއީ އެއްދުވަހެއްގެ ތެރޭގައި އެގައުމުގައި އެންމެ ގިނަމީހުން ޕޮޒިޓިވެ ވި ފަހަރެވެ.