ނަޒާހަތްތެރިކަން އިސްކޮށް، ކޮރަޕްޝަނަސް މަގުފަހިނުވާނެ ގޮތައް ކަންކަމަށް ބާރުއެޅުމާއި ބެހޭ ގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބެވި 30 ފަރާތަކަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައުލޫމާތު ދީފިއެވެ.
އޭސީސީން މިއަދު ހާމަކުރި ގޮތުގައި އެ ޕްރޮގްރާމަކީ ސަރުކާރުގެ ސިޔާސީ މަޤާމުތަކަށް އަލަށް ޢައްޔަން ކުރައްވާފައިވާ ފަރާތްތައް މަސައްކަތަށް އަހުލުވެރި ކުރުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދަވާ ޕްރޮގްރާމެއް ކަމަށެވެ.
ޕްރޮގްރާމްގައި އަލަށް ޢައްޔަން ކުރައްވާފައިވާ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން 30 ބޭފުޅުން ބައިވެރިވި ކަމަށް އޭސީސީއިން ބުނެފައިވެއެވެ. އަދި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވީ އޭސީސީގެ ނާއިބު ރައީސް މުޢައްވިޒް ރަޝީދެވެ.
މިމަހުގެ 20 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އޭސީސީގެ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އަދި މައްސަލަތައް އަވަހަށް ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމުގައި މިހާރު ކުރިމަތިވާ ބައެއް ދަތިތަކާ ބެހޭ ގޮތުން ވެސް މަޢުލޫމާތު ދީފައިވާކަމަށް އޭސީއިން ހާމަކުރެއެވެ.