ދުނިޔެ

އިންޑޮނީޝިއާ އަށް ސުނާމީއެއް އަރައި 62 މީހުން މަރުވެއްޖެ

މުހައްމަދު އައުޒަމް

އިންޑޮނީޝިއާ އަށް ސުނާމީއެއް އަރައި 62 މީހުން މަރުވެއްޖެއެވެ.

އިންޑޮނޯޝިއާގެ ޕަންޑެގަލަންގ، ސެރަންގ އަދި ދެކުނު ލަމްޕުންގ ގެ އައްސޭރިފަށަށް އެރި ސުނާމީގައި 62 މީހުން މަރުވެފައިވާއިރު 548 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ވަނީ މައުލޫމާތު ދީފަ އެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި ދެމީހުން ގެއްލިފައިވާ ކަމަށާއި އެދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑޮނީޝިއާ އަށް މިއެރި ސުނާމީގައި 430 ގެއަކަށާއި ނުވަ ހޮޓަލަކަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ސުނާމީ އަރާފައި ވަނީ ވެސް ފަތުރުވެރީންގެ މެދުގައި މަގުބޫލު ސަރަހައްދަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑޮނީޝިއާއަށް ސުނާމީ އެރިވަގުތު ކުރިޔަށް ދިޔަ މިއުޒިކް ޝޯވް

އިންޑޮނީޝިއާގެ ނެޝަނަލް ޑިޒާސްޓަރ މިޓިގޭޝަން އެޖެންސީން ވަނީ ލިބިފައިވާ ގެއްލުން މުޅިން ސާފު ނުވާ ކަމަށް ބުނެފައެވެ.

އިންޑޮނީޝިއާގެ ޖިއޮލޮޖިކަލް އެޖެންސީން ލަފާކޮށްފައިވާ ގޮތުން ސުނާމީ އުފެދެން މެދުވެރިވެފައި ވަނީ އަލިފާން ފަރުބަދަތަކެއް ގޮވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑަށް އައި ބަދަލެއްގެ ސަބަބުން ކަމަށެވެ. އެޖެންސީން ލަފާކުރާގޮތުން ސުނާމީ އަރާފައިި ވަނީ އަލިފާން ފަރުބަދަ ގޮވިތާ 45 މިނިޓުފަހުންނެވެ.