ގޯތި ދޫކުރުމުގެ ހުއްދަޔަށް އެދި ހުށަހަޅާފައިވާ 14 ރަށަކަށް އެ ހުއްދަ ދޭން ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީގައި މިއަދި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ރާއްޖޭގައި މާލެ ނޫން އެހެނިހެން ސަރަހައްދުތަކުގައިވެސް ބޯހިޔާވަހިކަމަށް ބޭނުންވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މާލޭގައި ބޯހިޔާވަހިކަމަށް ޖެހިފައިވާ މިންވަރަށް ނޫން ނަމަވެސް، ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް މި މައްސަލަ އެބަހުރި ހުރިކަމަށެވެ. އަދި ގޯތި ގެދޮރުގެ މައްސަލަތަކަކީ އެކަމަށް ހައްލު ހޯދައިދޭން ޖެހޭ މައްސަލަތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓްރީން ގޯތި ދޫކުރުމުގެ ހުއްދަ ދޭން ނިންމާފައިވާ 14 ރަށަކީ؛
މި ރަށްރަށުން އެދިފައިވާ ގޮތަށް ބިން ދޫކުރުމަށް ގާނޫނައި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން، ލޭންޑް ޔޫސް ޕްލޭން އެއް ބޭނުންވާ ކަމަށާއި، އެކަން ކައުންސިލުތަކުން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ލޭންޑް ޔޫސް ޕްލޭނުގައި ގޯތު ދޫކުރާނެ ތަނެއް ކަނޑައަޅާނެ ކަމަށެވެ. އަދި މަސައްކަތް ކުރާނީ މި ޕްލޭނާއި އެއްގޮތަށް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ލޭންޑް ޔޫސް ޕްލޭން އެކުލަވާލައި ނިމިފައިވާ ރަށްރަށަށް ގޯތި ދޫކުރުމުގެ ހުއްދަ މި ހަފުތާގެ ތެރޭގައި ދޭންފެށޭނެ ކަމަށާއި، ލޭންޑް ޔޫސް ޕްލޭން ނެތް ރަށްރަށުން އެ ޕްލޭން ނިންމުމަށް ފަހު މި މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ރަށުގައި މީހުން ނޫޅެ، ފަޅު ގޯތި ތަކެއް ހުރިއޭ ބުނެ، ރަށުގައި އުޅޭ މީހުންނަށް ބޯހިޔާވަހިކަން ނުލިބޭ ގޮތަށް އަމަލު ކުރުމުގެ ހިޔާލެއް ނެތް ކަމަށެވެ. ރަށްރަށުގެ މީހުން ގޯއްޗަށް ބޭނުންވާއިރު ގޯތި ދޫކުރުން ހުއްޓުވައިގެން އުޅުމުގެ ހިޔާލެއްވެސް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.