ޝެއިޚް ޑރ. މުހައްމަދު އިޔާޒް

ވިޔަފާރިވެރިން މަޖިލީހަށް ވަޑައިގަތުމުގެ ބަދަލުގައި ވިޔަފާރިއާއިގެން ކުރިއަށް ވަޑައިގަންނަވާ! : ޑރ. އިޔާޒު

ޝަހީދާ އަބްދުﷲ ސައީދު

ވިޔަފާރިވެރިން ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުގެ ބަދަލުގައި ވިޔަފާރިވެރީން އެބޭފުޅުންގެ ވިޔަފާރިއާއިގެން ކުރިއަށް ވަޑައިގަތުމަށް އައްޝައިޚު ޑރ. މުހައްމަދު އިޔާޒު ގޮވާލައްވައިފިއެވެ.

މަހުޖަނުންގެ ކިބައިން ރައްޔިތުންގެ މަޖިލީސް ސަލާމަތް ކުރުމަށް ކޯލިޝަންގެ ލީޑަރުންގެ ކުރިމަތީގައި މުޒާހަރާ ކުރުމާ ގުޅިގެން، ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލު ކުރެއްވި ޓުވީޓަކަށް ޖަވާބުދެއްވަމުން ޑރ. އިޔާޒު ވަނީ، ވިޔަފާރިވެރިން މަޖިލީހުގައި ތިއްބެވުމުގެ ބަދަލުގައި ވިޔަފާރިއާއިގެން ކުރިއަށް ވަޑައިގަތުމަށް ގޮވާލައްވައިފައެވެ.

އަދި ކޮންމެ ބަޔަކު ރާވައިގެން ނަމަވެސް އެވާހަކަތައް ވަރަށް ރަަނގަޅުކަމަށް ވިދާޅުވެ ޑރ. އިޔާޒު ވަނީ މަހުޖަނުން މަޖިލީހަށް ވަޑައިގަތުމާ ދެކޮޅަށް ކުރި މުޒާހަރާއަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފައެވެ.

ޑރ. ޚަލީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީސް އިންތިޚާބާ މެދު ކޯލިޝަންގެ ލީޑަރުން ބޭއްވި ބައްދަލުވުމާ ގުޅުވައިގެން މުޒާހަރާ ކުރުމަކީ އެމްޑީޕީން ރާވައިގެން ސީދާ ގާސިމް އިބްރާހީމްއަށާއި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އާއި އަދި އޭޑީކޭ ނާޝިދުގެ އިތުރުން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްމެން ފަދަ ބޭފުޅުންނަށް ދިން ހަމަލާއެއް ކަމަށެވެ.

ސިޔާސީ ލީޑަރުން ކުރިމަތީގައި މުޒާހަރާކުރި މައްސަލަ ފާހަގަކުރައްވައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވަނީ މީސް މީޑިއާގައި ވާހަކަފުޅުދައްކަވައިފައެވެ.

އެގޮތުން ޑރ. ޖަމީލު ވިދާޅުވެފައިވަނީ އެއީ ކޯލިޝަން ރޫޅުމުގެ ފުރަތަމަ ނިޝާން ކަމަށެވެ. އަދި "އެންމެންގެ ބައިވެރިވުމާއެކު ވެރިކަމަށް އައިސް ރައްޔިތުން ކުރި އިތުބާރު ނަގައިނުލާނީ ކޮން އިރަކުންތޯ" ޖަމީލް ވަނީ ސުވާލު ކުރައްވާފައި ވެއެވެ.