ދުނިޔެ

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ އިސްތިއުފާ ދޭން ނިންމައިފި

މުހައްމަދު އައުޒަމް

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް މަގާމުން އިސްތިއުފާ ދެއްވަން ނިންމެވިކަން އަންގައި ބަޔާނެއް ވަނީ ނެރުއްވައިފައެވެ.

އިސްތިއުފާ ބަޔާނުގައި މެޓިސް ވަނީ އޭނާގެ ޕޮލިސީތަކާއި ޓްރަމްޕުގެ ޕޮލިސީތަކާއި ތަފާތުވާކަން ފާހަގަކުރައްވައިފައެވެ. ގިނަބަޔަކު ވަނިީ މެޓިސް އިސްތިއުފާ ދެއްވަން ނިންމަވާފައި މިވަނީ ދާދިފަހުން އެމެރިކާގެ ރައީސް ޓްރަމްޕް ސީރިއާގައި ތިބި އެމެރިކާ ސިފައިން އަނބުރާ ގައުމަށް ގެނައުމަށް ނިންމާފައިވާތީ އެކަމާ ނުރުހިގެންނެވެ.

މެޓިސް ވަނީ އިސްތިއުފާ ބަޔާނުގައި ޓްރަމްޕްއަށް ބޭނުން މީހަކު އެމަގާމަށް ނެރެވޭނެ ކަމަށާއި ޓްރަމްޕުގެ ޕޮލިސީތަކަށް އެއްބާރުލުން ދޭނެ މީހަކު އައްޔަން ކުރެވޭނެކަމަށް ބަޔާނުގައި މެޓިސް ވިދާޅުވެފައެވެ.

ޖޭމްސް މެޓިސް މަގާމުން ދުރުވާން ނިންމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އަދި މިހާތަނަށް ޖޭމްސް މެޓިސްގެ ބަދަލުގައި އައްޔަން ކުރާނެ ބޭފުޅަކު ޓްރަމްޕް ހާމަކޮށްފައި ނުވި ނަމަވެސް ވަރަށް އަވަހަށް އެކަން އިއުލާންކުރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.