ކުއްލި ޚަބަރު

ކުރިން ކުޑަ ޕީކެއް ވަނީ އައިސްފައި، ބަލައި ނުލައި އުޅެފިނަމަ ކުރިއަށްއޮތްތާނގައި ބޮޑު ޕީކެއް އައިސްފާނެ: ޑރ. ނަޒްލާ

އަލީ އަފާފު ރަމީޒު

1

ރާއްޖެއަށް ވަނީ ކުޑަ ޕީކެއް ކުރިން އައިސްފައި ކަމަށާއި ބަލައި ނުލައި އުޅެފިނަމަ ކުރިއަށްއޮތްތާނގައި ބޮޑު ޕީކެއް އައިސްފާނެ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ ރާއްޖެއަށް ކުޑަ ޕީކެއް މީގެ ކުރިން އައިސްފައިވާ ކަމަށާއި ނަމަވެސް މިހާރު ދަށްވެފައިވާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ މިހާރު ހެދިފައިވާ އުސޫލުތަކަށް އަމަލު ނުކުރެވިއްޖެނަމަ ބޮޑު ޕީކެއް އައިސްފާނެ ކަމަށާއި އެކަން ބައެއް ބޮޑެތި ގައުމުތަކުންވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ.

"މިވަގުތު އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ކުޑަ ޕީކެއް އައިސްފައި މިހާރު ދަށްވެފައި މިވަނީ. އަޅުގަނޑުމެން ނިއު ނޯމަލްގައި އަމަލުކުރަންޖެހޭ އުސޫލުތައް ރަނގަޅަށް ގިނަ މީހުންނަށް ނުހިފޭއްޓިއްޖެ ކަމަށް ވަންޏާ، ނުވަތަ ދިގު މުއްދަތަކަށް ނުހިފޭއްޓިއްޖެ ކަމަށް ވަންޏާ ހަމަ އަލުން ޕީކެއް އައުމުގެ ފުރުސަތު އޮންނާނެ. އެހެން ގައުމުތަކުންވެސް އަޅުގަނޑުމެންނަށް އެބަފެނޭ އެގޮތަށް އެކަން ވާތަން،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ހެދިފައިވާ ގައިޑްލައިންތަކަށާއި ކަމާބެހޭ ފަރާތްތަކުން އަންގާފައިވާ ގަވައިދުތަކަށް އަމަލު ކުރަން ބޮޑަށް ބާރު އަޅަނީ އެފަދަ ބޮޑު ޕީކެއް ރާއްޖެ ނައުމަށް އެދޭތީ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟