ނިއު ނޯމަލް ކާމިޔާބުވާނީ ރައްޔިތުން އަމަލުކޮށްގެން ކަމަށާއި ދިވެހިން ބަސްއަހައި ކިޔަމަންތެރިވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ލުއިތައް ދިނުމުގެ ކުރިންނާއި ލުއިތައް ދިނުމަށް ފަހުވެސް ކަންތައްތައް ކުރެވެމުން އައީ ވަކި މިންގަނޑުތަކަކަށް ބެލުމަށްފަހު ކަމަށެވެ. ފިޔަވަޅުތަކާއި ލުއިތައް ދެމުންދިޔައީ ހާލަތައް ބަލާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެގޮތުން ކޭސްތައް އިތުރުވަމުންދާ ވަރާއި ކޭސްތައް ދެގުނަ ވަމުންދާ ވަރާއި އަދި އެކަކު ކޮންޓެކްޓްވެފައި ހުންނަ މީހުންގެ އަދަދާ، މިހެން އެކި ހިރާސްތަކަށް ބެހިގެން މިދަނީ. ދެން އައިސް އަޅުގަނޑުމެން ލޮކްޑައުންގައި މިވަރަށް ވަރުގަދަ ފިޔަވަޅު ތަކެއްގެ ތެރޭގައި އެތައް ދުވަހަކު ތިބެފައި، ދެން އަޅުގަނޑުމެން މި ހުޅުވާލާއިރު މިދެންނެވި އިންޑިކޭޓާސްތަކުން އަޅުގަނޑުމެންގެ ރާއްޖެ މިއޮތީ ހުޅުވާލެވޭ ހިސާބަށް ގޮސްފަކަން ފަންނީ ބޭފުޅުންނާއި އެހެނިހެން މާހިރުންގެ ލަފާ ލިބޭ ހިސާބު މިދިޔައީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު އަމަލުކުރަން ޖެހޭނީ ގައިޑްލައިންތަކަށް ކަމަށާއި ގައިޑްލައިންތަކަށް އަމަލުކޮށްގެން ނޫނީ ރައްކާތެރިކަމެއް ނުލިބޭނެ ކަމަަށެވެ،
"މިހާ ހިސާބަށް އައިއިރު، އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތާއި ދަސްވި ދަސްވުމުގެ މައްޗަށް ބަލިން ރައްކާތެރިވެވޭވެނެ ގޮތްތަކަށް އަޅުގަނޑުމެން އުޅުމުން ހަގީގަތުގައި މީގެ ރައްކާތެރިކަން މަތީގައި ތިބެވޭނީ. އެއީ އަޅުގަނޑުމެންގެ ވިސްނުމަކީ. މި ގައިޑްލައިންތަކާ އެއްކޮށް އުޅެވޭނެ ކަމަށް އަދި އަޅުގަނޑުމެންގެ ރައްޔިތުންގެ ޑިސިޕްލިންވެސް ހުންނާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ގާނޫނާ ހިލާފުވެގެން އަޅަންޖެހޭ ފިޔަވަޅުތައް ފިޔަވައި އިތުރު ފިޔަވަޅުތަކެއް ނުހުންނާނެ ކަމަށެވެ. އެހެން ނަމަވެސް މި ބަލިން ރައްކާތެރިވުމަކީ ހަމައެކަނި ފިޔަވަޅުތަކެއް އަޅައިގެން ކުރެވޭނެ ކަމެއް ނޫންކަން ތަޖުރިބާއިން ދަސްވެފައިވާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖެ މިހާ ހިސާބަށް އައިސްފައިވަނީ އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ނޫން ކަމަށާއި އެއީ ރައްޔިތުން ކުރި މަސައްކަތާއި ފަންނީ މާހިރުންގެ އިރުޝާދާ އެއްގޮތަށް ރައްޔިތުން އަމަލު ކުރުމުގެ ސަބަބުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެގޮތަށް އަމަލުކުރާނެ ކަމާ މެދު ޝައްކެއް ނުކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.