ކުއްލި ޚަބަރު

ރައްޔިތުންނާއި ކޮވިޑާ ދެމެދު އެޅުނު އެންމެ ވަރުގަދަ ބުރިޖަކީ މަބްރޫކް: މިނިސްޓަރު އަމީން

ރައްޔިތުންނާއި ކޮވިޑާ ދެމެދު އެޅުނު އެންމެ ވަރުގަދަ ބުރިޖަކީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ އެންމެ ފަހު ޕްރެސް ކޮންފަރެންސްގައި މަބްރޫކުގެ މަސައްކަތްތަކަށް ތައުރީފުކުރައްވަމުން މިނިސްޓަރު ވިދާޅުވީ 7 މާޗް 2020ގައި އެންއީއޯސީގެ ތަރުޖަމާނަކަށް މަބްރޫކު ހަމަޖެއްސި ޖެއްސުން އެއީ ވަރަށް ތަފާތު ކަމެއްގެ ގޮތުގައި މިއަދު ފަހަތަށް އެނބުރި ބަލައިލުމުން ފާހަގަވާނެ ކަމަށެވެ.

"މިރެއަކީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޕްރެސް ކޮންފަރެންސްގެ ގޮތުގައި މަބްރޫކު ޕްރެސް ދެއްވާ ފަހު ޕްރެސް ކޮންފަރެންސް. އެހެންވީމާ އެކަން ފާހަގަކޮށް މަބްރޫކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. މަބްރޫކު ރާއްޖޭގެ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ދެބަސްނުވެވޭނެ ފަދައިން މަބްރޫކު ވެގެންމިދަނީ ރާއްޖޭގެ ނޫސްވެރިކަމުގައި ނުވަތަ މައުލޫމާތު ފޯރުކޮށްދިނުމުގެ ތާރީހުގެ ތެރެއަށް. ޖެހިޖެހިގެން މިހާ ގިނަ ޕްރެސް ކޮންފަރެންސްތަކެއް އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައެއް ނުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގެ ނޫސްވެރިންނާ މެދުކެނޑުމެއްނެތި މިކަހަލަ ނުރައްކާތެރި ހާލަތެއްގައި މައުލޫމާތު މެދުކެނޑުމެއްނެތި ފޯރުކޮށްދިން މީހަކާ ވެސް އަޅުގަނޑުމެންނާ އަދި ބައްދަލުވެފައި ނުވާ ކަމަށާއި އެހެންވީމާ އެތައް ގޮތަކުން މަބްރޫކުގެ ހިދުމަތް ފާހަގަކުރަން ޖެހޭ ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑުމެންގެ މި މަސައްކަތް މިހާ ހިސާބަށް ދިޔަ އިރުގައި ރައްޔިތުންނަށް މައުލޫމާތުދިނުމުގައި، މައުލޫމާތު ފޯރުކޮށްދިނުމުގައި، ހޭލުންތެރިކުރުމުގެ ގޮތުންނާއި މައުލޫމާތުގެ ގޮތުންނާއި އަދި ހާއްސަ ކަންކަމުގެ ގޮތުން ފޯރުކޮށްދިނުމުގައި މަބްރޫކު ދެއްކެވި ކެތްތެރިކަމާއި އަދި ފޮރުވުމެއްނެތި މައުލޫމާތު ފޯރުކޮށްދިނުމުގައި މަބްރޫކު ދެއްކެވި ނަމޫނާއަކީ އަޅުގަނޑުމެންނަށް ކުރިއަށްއޮތް ތަނުގައި އެ ނަމޫނާގައި މިކަމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ވެސް ހިފަހައްޓަންޖެހޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އެއްވެސް ސިޔާސީ ކުލައެއް ނެތި، އެއްވެސް ފަރާތަކަށް ބުރަވުމެއް ނެތި، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ނޫސްވެރިން ކުރާ ހުރިހާ ސުވާލުތަކަށް އަދި ރައްޔިތުން އެދޭ ހުރިހާ މައުލޫމާތެއް ސާފު ބަހުން، ސާފުކޮށް ކިޔައިދެވި ފޯރުކޮށްދެވުމަކީ އެއީ ފަހުން ވެސް އެކަން ފާހަގަކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި މަބްރޫކުގެ ޕްރެސް ކޮންފަރެންސެއް ނެތް ކަމަށްވަންޏާ، ރައްޔިތުންނަށް ވެސް އެއީ ފަޅުކަމެއްގެ ގޮތުގައި އެ ދުވަސްވަރުގައި ފާހަގަވެގެންދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކުޑަކުއްޖަކަސް، އުމުރުން ދުވަސްވީ މީހަކަސް، ބަލިމީހަކަސް، ޒުވާނަކަސް އަދި އެހެން މީހަކަސް މަބްރޫކުގެ މައުލޫމާތަކީ އެންމެ ފުރިހަމަ މައުލޫމާތުގެ ގޮތުގައި އަޅުގަނޑުމެން ބަލައިގަތިން. އަދި އަޅުގަނޑުމެންގެ މި މަސައްކަތުގެ އެކި ކަންކަމުގެ ތެރޭގައި ބުރަކޮށް، ގެއްލި، އަޅުގަނޑުމެންގެ މަސައްކަތުގެ ތެރޭގައި ދާ އިރުގައި އަޅުގަނޑުމެންގެ ހާސްކަމެއް ނެތި ދާ އެއް ކަމެއް އޮވޭ. އެއީ އަބަދުވެސް މަބްރޫކުގެ މައުލޫމާތު ފޯރުކޮށްދިނުން. އެ ދުވަހެއްގައި ހިނގާ ކަންކަން އެދުވަހަކު ރައްޔިތުން އެދޭ މިންވަރަށް ފޯރުކޮށްދެވޭނެ ކަމާ މެދު އަޅުގަނޑުމެންގެ އެއްވެސް ޝައްކެއް ނޯވެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ ސަރުކާރުން ކުރަމުންދިޔަ މަސައްކަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި މަބްރޫކަކީ ނަމޫނާއެއް ކަމަށާއި ނޫސްވެރިންނާއި މަބްރޫކާ އޮތް ގުޅުން އެއީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުން އެތައް ގުނައަކުން ފަސޭހަވެގެންދިޔަ ކަމެއް ކަމަށެވެ.

"އުނދަގޫ ސުވާލުތައް ވެސް ކުރިމަތިވި، އުނދަގޫ ވަގުތުތައް ވެސް ދިޔަ. އަދި ތިބޭފުޅުން އެދޭ މިންވަރަށް އެންމެ އެކަށީގެންވާ ގޮތަށް މައުލޫމާތު އެއްކުރުމަށް އަޅުގަނޑުމެންނަށް ދަތިވާ ވަގުތުތައް ވެސް ދޭ. އެހެންނަމަވެސް އެ ދަތިވާ ވަގުތުވެސް ތިބޭފުޅުން އެދޭ މިންވަރަށް މަބްރޫކުގެ މައުލޫމާތުތައް ވެގެންދިޔައީ ހަގީގަތުގައި ރައްޔިތުންނާ ކޮވިޑާ ދޭތެރޭގައި އޮންނަ އެންމެ ވަރުގަދަ ބުރިޖަށް." މިނިސްޓަރު ވިދާޅުވިއެވެ.