ޑްރޯންތަކެއް އަރުވައިގެން ގެޓްވިކް އެއާޕޯޓު ހުއްޓުމަކަށް ގެނެސްފިއެވެ.
ގެޓްވިކް އެއާޕޯޓް ވަށައިގެން ފަސް މޭލު ބޭރު ސަރަހައްދުގައި ޑްރޯން ދުވާތަން ފެނުމުން ހުރިހާ ފްލައިޓްތަކެއް ވަނީ ހުއްޓުވައިފައެވެ.
އެއާޕޯޓުގެ ސީއީއޯ ވިދާޅުވެފައިވަނީ ގެޓްވިކްގެ ފްލައިޓުތައް ހުއްޓުވަން ޖެހުމުގެ ސަބަބުން 10،000 އަށްވުރެ ގިނަ މީހުން އެއާޕޯޓުގައި ތާށިވެފައިވާ ކަމަށާއި އެއާޕޯޓަށް ދަތުރުކުރަމުންދިޔަ ފްލައިޓުތައް އެހެން އެއާޕޯޓުތަކަށް ޑައިވާޓް ކުރަން ޖެހުނު ކަމަށެވެ. ޑައިވާޓް ކުރި ފްލައިޓުތަކުގައި 6000 އެއްހާ މީހުން ދަތުރު ކުރިކަމަށް ސީއީއޯ ވަނީ ހާމަކޮށްފައެވެ.
ގެޓްވިކް އެއާޕޯޓްގެ ސީއީއޯ އިތުރަށް ވިދާޅުވެފައިވަނީ ފުރަން ތައްޔާރުވެފައި އޮތް ފްލައިޓްތަކުގައި 4000 އެއްހާ މީހުން ތިބި ކަމަށާއި އެއާޕޯޓު ހުއްޓުމަކަށް އައުމުން ލައްކައަކަށް ވުރެ ގިނަ މީހުންނަށް ސީދާ އަސަރު ކޮށްފައިވާ ކަމަށެވެ.
ގެޓްވިކް އެއާޕޯޓް ސަރަހައްދު ދެ ޑްރޯން ފެނުނު ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. ޑްރޯންގެ ރިޕޯޓު ލިބުމާއެކު ސަލާމަތީކަ ންކަން ވަރުގަދަކޮށް ޑްރޯން ތިރިކުރެވޭތޯ އެގައުމުގެ ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. އަދި މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ވަނީ ބަލަން ފަށައިފައެވެ.
ތަޖުރިބާކާރުން ވަނީ އެއާޕޯޓު ސަރަހައްދަށް މި އެރުވި ޑްރޯންތަކަކީ މިކަމުގެ ތަމްރީނު ވަރަށް ރަނގަޅަށް ލިބިފައި ހުރި ޕައިލެޓަކު އެރުވި ޑްރޯންތަކެއް ކަމަށް ބުނެފައެވެ. އަދި މިކަމުގެ ފަހަތުގައިވާ މީހާ ހޯދައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވެސް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.
ގެޓްވިކް އެއާޕޯޓް ހުއްޓުމަކަށް އައުމުން ގިނަބަޔަކު ވަނީ މީސްމީޑިއާގައި ތަފާތު ހިޔާލުތައް ފާޅުކޮށްފައެވެ. އެއްބަޔަކު ވަނީ އެއާޕޯޓު ސަރަހައްދަށް ޑްރޯންތަކަށް ވަދެވުނު ގޮތް ހޯދަން ގޮވާލައިފައެވެ. އަދި އެއް ބަޔަކު ވަނީ ޑްރޯން ފެނުމާއެކު ވަގުތުން ވައްޓާލެވޭނެ ވަރަށް އެއާޕޯޓު ތައްޔާރީ ހާލަތުގައި އޮންނަން ޖެހޭނެ ކަމަށް ބުނެފައެވެ.
ޑްރޯން ހަދާ ކުންފުނިތަކުން އެއާޕޯޓު ފަދަ ހާއްސަ ސަރަހައްދުތައް ނޯފްލައި ޒޯން ގޮތުގައި ޑްރޯން ޕްރޮގްރާމް ކުރެއެވެ. އަދި މިފަދަ ސަރަހައްދެއްގައި ޑްރޯން ދުއްވާނަމަ ކަމާބެހޭ ފަރާތްތަކުން ހުއްދަ ހޯދައި ނޯ ފްލައި ޒޯން އަންލޮކް ކުރަން ޖެހޭނެއެވެ. ގެޓްވިކް އެއާޕޯޓް ސަރަހައްދުގައި ދުއްވި ޑްރޯންތަކުގެ އިތުރު މައުލޫމާތުތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ.