ރިސޯޓްތަކުގެ މިއަހަރުގެ ފަހު ހަ މަހުގެ ބިމުކުއްޔާއި ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ކުރިއަށްއޮތް ހަ މަހުގެ ބިމު ކުލި އަންނަ އަހަރުގެ ޖޫން އެކަކަށް ފަސްކޮށްދޭން ސަރުކާރުން ނިންމައިފިއެވެ.
މިދިޔަ މަހު ގައުމާ މުހާތަބު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ވަނީ ރިސޯޓްތަކުގެ ބިމު ކުލި ދައްކަންޖެހޭ މުއްދަތާއި ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ބިމު ކުލި ދައްކަންޖެހޭ މުއްދަތު ސަރުކާރުން ފަސްކޮށްދިނުމަށް ނިންމާފައިވާކަން އިއުލާންކުރައްވައިފައެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ވަނީ ކޮވިޑާ ގުޅިގެން އިގުތިސާދަށް ދިމާވެފައިވާ ތަދުމަޑުކަމާއި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތައް ހިންގުމަށް ދަތިވެ، ވިޔަފާރިތަކާއި ރައްޔިތުންނަށް މާލީ ހީނަރުކަން ލިބިފައިވާ ކަމަށެވެ. އަދި ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް އެހީވުމަށާއި ވިޔަފާރި ދެމެހެއްޓުމަށްޓަކައި ސަރުކާރުން އަންނަނީ މަލީ އެހީތެރިކަމާއި އިތުރު ލުއިތައް ފޯރުކޮށްދެމުން ކަމަށްވެސް ސާކިއުލާގައިވެއެވެ.
އެގޮތުން ރިސޯޓުތަކުގެ ފަހު ހަ މަހުގެ ކުއްޔާއި ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ފަހު ހަ މަހުގެ ބިމު ކުލި އަންނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށް ސާކިއުލާގައިވެއެވެ.
ފިނޭންސް އިން ބުނީ ފަސްކޮށްދޭ ކުލި އަނބުރާ ދައްކަން ވާނީ އެއް އަހަރުގެ މުއްދަތަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ކުލި ދައްކަނީ ތިން މަހުން އެއްމަހު ނަމަ، ފަސްކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ އަންނަ އަހަރުގެ ޖޫން އެކަކުން ފެށިގެން ހަތަރު ކުއާޓަރަށް ބަހާލައިގެން ކަމަށެވެ. އަދި ކުލި ދައްކަނީ މަހުން މަހުން ނަމަ، ފަސްކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ އަންނަ އަހަރުގެ ޖޫން އެކަކުން އިން ފެށިގެން 12 މަސް ދުވަހަށް ބަހައިލައިގެން ކަމަށްވެސް ފިނޭންސް އިން ބުންޏެވެ.
"މިގޮތުން ކުލި ދެއްކުން ފަސްކޮށްދިން މުއްދަތުގެ ތެރޭގައި ފަރާތަކުން ފައިސާ ދައްކައިފައިނުވުމަކުން ޖޫރިމަނާއެއް ނުހިނގާނެ. އަދި މިގޮތަށް ފަސްކޮށްދޭ ކުއްޔަށް ފައިސާ ނުދެއްކުމާ ގުޅިގެން އަރާ ޖޫރިމަނާ އާއި އިންޓްރެސްޓް ހިނގަން ފަށާނީ އަލުން ފައިސާ ދައްކަންޖެހޭ މުއްދަތުގައި (1 ޖޫން 2021 އިން ފެށިގެން) އެ ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ ސުންގަނޑިއަށް ފައިސާ ނުދައްކާނަމަ،" ފިނޭންސް އިން ބުންޏެވެ.
މިނިސްޓްރީން ބުނީ ފަސްކޮށްދީފައިވާ ކުލީގެ ތެރޭގައި ހިމެނެނީ އެކި މިނިސްޓްރީތަކުންނާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އެހެނިހެން އޮފީސްތަކާއި މިނިސްޓްރީތަކުން ހިންގާ ޓްރަސްޓް ފަންޑުތަކުން ނަގާ ކުލި ކަމަށެވެ. އަދި ކުލި ދެއްކުމަށް ލުއި ދިނުމުގެ ސަބަބުން ކުއްޔަށް ހިފާފައިވާ ފަރާތާއި ސަރުކާރާއެކު ވެފައިވާ ކުލީގެ އެއްބަސްވުމެއް އިސްލާހުކުރަން ޖެހޭނަމަ، އެ އިސްލާހުތައް ގެނައުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.