އަލީ ޔާމިން
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ރައީސް ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 (އެއް މިލިއަން އެއްލައްކަ ސަތާރަ ހާސް) އެމެރިކާ ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައި ކަމަށެވެ.
މި މައްސަލައަކީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ކޮށްފައިވާ ތަހުގީގެކެވެ. ކުށުގެ ދައުވާތައް މިއަދު ކުރިމިނަލް ކޯޓަށް ފޮނުވާފައިވާއިރު ފަސް ދުވަހުގެ ތެރޭގައި ޝަރީއަތުގެ އިބްތިދާއީ މަރުހަލާ ފެށިގެންދާނެއެވެ.
ރައީސް ޔާމީންގެ އިތުރުން މި މައްސަލައިގައި އަހުމަދު ކްރިކް ރިޒާއަށް ވެސް ވަނީ ދެ ދައުވާއެއް އުފުލައިފައެވެ. އޭނާއަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިން ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުންޏަށްވެސް ވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލައިފައެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލައިގެ ތެރެއިން ޖުމްލަ 38،334،560 (ތިރީސް އަށް މިލިއަން ތިން ލައްކަ ތިރީސް ހަތަރު ހާސް ފަސް ސަތޭކަ ފަސްދޮޅަސް) އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 (އެއް މިލިއަން ތިން ލައްކަ ސާޅީސް ނުވަ ހާސް އަށް ސަތޭކަ އަށްޑިހަ ފަސް) އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 (ދެ މިލިއަން ދެ ލައްކަ ނުވަދިހަ ފަސް ހާސް ދުއިސައްތަ ފަންސާސް) އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 (ތިރީސް ހަތަރު މިލިއަން ހަ ލައްކަ އަށްޑިހަ ނުވަ ހާސް ހަތަރު ސަތޭކަ ފަންސަވީސް) އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ރައީސް އަބްދުﷲ ޔާމީން މިހާރު ވެސް ގެންދަވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.