ސަފާރީން މޫދަށް ފުންމާލީ އަނިޔާތަކުން ސަލާމަތްވުމަށް ކަމަށާއި އެއްގަމަށް ގެނެސްދިނީ ރޭޕްގެ ތުހުމަތުކުރެވޭ ދެ މީހުން ކަމަށް ސަފާރީގައި ދެމީހަކު ރޭޕްކުރި ކަމަށް ބުނެ ބިދޭސީ އަންހެން މީހާ ބަޔާންދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ފަތިހު 5:00 ހާއިރު ހުޅުމާލެ، ލަކުޑި ޖެޓީ ސަރަހައްދުގައި އަންހެން މީހާ އާއި އިތުރު ދެ ފިރިހެނަކު ތިއްބައި ފުލުހުން އެތަނަށް ގޮސް މައުލޫމާތު އޮޅުންފިލުވުމުން ކަމަށެވެ.
އެގޮތުން އެސަރަހައްދުގައި އެމީހުން ތިއްބައި ފުލުހުން ގޮސް މައުލޫމާތު އޮޅުންފިލުވުމުން އެ އަންހެންމީހާގެ ފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވަނީ، ބުރާސްފަތި ދުވަހުގެ ރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދައުވަތަކަށް، މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންނާއެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި ކަމަށެވެ. އަދި އެމީހުން ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާކުރި ކަމަށް އޭނާ މައުލޫމާތުދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
"އެމީހުންގެ އަމަލުތައް ހުރި ގޮތުން އެފަދަ އަމަލެއް ތަކުރާރުކޮށްފާނެތީ ސަލާމަތްވުމުގެ ގޮތުން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެމީހުން އައިސް އޭނާ ޑިންގީއަށް ނަގައިގެން ގެނެސް ޖެޓީއަށް ބޭލީ. އެކަން ފުލުހުންނަށް ހުށަހެޅުމުން، އެތަނުގައި ތިބި ދެ ފިރިހެނުން އެވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އެއީ ދެމިގެންދިޔަ ކުށުގެ ވެއްޓެއް ކަމަށްވާތީ،" ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުން ބުނީ އެމައްސަލައިގައި އަނިޔާ ލިބުނު މީހާ ހުކުރު ދުވަހުގެ ހެނދުނު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 39 އަހަރުގެ ދެ މީހުން ބަންދުން ދޫކޮށްލާފައިވަނީ އެވަގުތާ ހަމައަށް ލިބިފައިހުރި މައުލޫމާތުތަކަށް ބަލާއިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
"މި މައްސަލައިގެ ތަހުގީގު ހިނގަމުން ދަނިކޮށް އަނިޔާ ލިބުނު ފަރާތުން ފުލުހުންނަށް ދީފައިވާ ބަޔާނާ ހިލާފަށް، އަނިޔާ ލިބުނު މީހާގެ ފަރާތުން ދިން މައުލޫމާތު ކަމަށް ބުނެ މީޑިއާގައި ތަފާތު ގޮތަކަށް މައުލޫމާތު ފަތުރަމުންދާތީ، އެކަމާ ގުޅިގެން އިތުރަށް މައުލޫމާތު ސާފުކުރުމުން، މިމައްސަލައާ ގުޅިގެން ކުރިން ފުލުހުންނަށް ދީފައިވާ ބަޔާނަކީ ކަންހިނގާފައިވާ ގޮތަށް ދީފައިވާ ބަޔާނެއްކަމުގައި ބުނެފައިވޭ،" ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން އެއްވެސް މީޑިއާއަކަށް އޭނާގެ ފަރާތުން އެއްވެސް މައުލޫމާތެއް ފޯރުކޮށްދީފައިނުވާނެ ކަމަށާއި މީޑިއާގައި އޭނާގެ ފޮޓޯ ހާމަކޮށް ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުންދާތީ ކަންބޮޑުވާކަން ހާމަކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ފޮޓޯ އާއި މައުލޫމާތު މީޑިއާތަކުން ނަގައިދިނުމަށް އެދިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތަށް ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި އަދި މި މައްސަލައިގައި އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ ތަހުގީގެއް ހިންގައި، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުން ބުނީ މިފަދަ ނާޒުކު މައްސަލަތަކުގެ މައުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ހަގީގަތާ ހިލާފަށް އަދި އަނިޔާ ލިބިފައިވާ މީހާއަށް އިތުރު އުނދަގޫ ކުރިމަތިވާ ގޮތަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދިި ސޯޝަލް މީޑިއާގައި މިފަދަ މައުލޫމާތު ދައުރުކުރުމުގައިވެސް ކަމުގެ ހަގީގަތް އޮޅުންފިލުވައި ޒިންމާދާރުކަމާއެކު މައުލޫމަތު އާންމުކުރުމަށް ވެސް ފުލުހުން ވަނީ ގޮވާލައިފައެވެ.