މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމެޓީ

ސަފާރީގައި އަންހެނަކު ރޭޕްކުރުން: މާދަމާ އޮންނަ މަޖިލިސް ހިއުމަން ރައިޓްސް ކޮމެޓީގެ ބައްދަލުވުމަށް އެޖެންޑާކޮށްފި

އިބްރާހިމް ޒަކީ

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން މާދަމާ ބާއްވަން ނިންމާފައިވާ ބައްދަލުވުމަށް އެޖެންޑާ ކޮށްފި އެވެ.

އެކޮމިޓީގެ މެންބަރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވީ، ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕުކުރި މައްސަލަ ދިރާސާ ކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މާދަމާގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުން އޮންނާނީ، މާދަމާ 2:00 ގައި ކަމަށްވެސް ރޮޒޭނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ، ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު އެ މައްސަލަ މާދަމާ ކޮމިޓީއަށް އެޖެންޑާ ކުރެއްވި ނަމަވެސް، ކޮމިޓީގެ މާދަމާގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ ކޮމިޓީގެ ނައިބު މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ކަމަށެވެ.

ކޮމިޓީގެ މާދަމާގެ ޖަލްސާގެ ރިޔާސަތު ނާއިބު ނުގައްރިރު ބަލަހައްޓަން ޖެހޭގޮތަށް ހަމަޖެހިފައިވާއިރު، ސަފާރީގެ ރޭޕްކޭސްއާ ގުޅިގެން ފުލުހުން ހައްޔަރު ކުރުމަށްފަހު ދޫކޮށްލި 39 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ ތެރޭގައި ޖީހާންގެ ފިރިމީހާ ހިމެނޭކަމަށް ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެރޭ ސަފާރީގައި ހިނގިކަމަށް ބުނާ ރޭޕް ކޭސްއާ ގުޅިގެން ހައްޔަރު ކުރި ދެމީހުން އިއްޔެ ދޫކޮށްލީ، އެމީހުން ތަހުގީގަށް ހައްޔަރުކޮށްފައި ބޭތިއްބުމަށް އެދެވޭނެ ސަބަބެއް ނެތުމުން ކަމަށެވެ. އަދި އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ރޭޕް މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންނަނީ ސިޔާސީ ގޮތުން ނުފޫޒު ގަދަ ދެމީހުންކަމުން ރޭޕްގެ މައްސަލަ ކުރިއަށް ނުދާ ކަމަށްވެސް ސޯޝަލް މީިޑީއާގައި މީހުން ދަނީ ބުނަމުންނެވެ. މިމައްްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައުލޫމާތު ހާމަ ކުރުމަށްވެސް ގިނަ ބަޔަލު ދަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ. ސާފާރީގައި ރޭޕްކުރި ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، (އެޗްއާރުސީއެމް) އިން ވެސް މިހާރު ވަނީ ބަލަން ފަށައިފައެވެ.