މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ޖިންސީ ކުށުގެ 2،000 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް މަޖިލީހުން އެއްކުރި މައުލޫމާތުތަކުން އެނގިއްޖެއެވެ.
ޖިންސީ ކުށުގެ ތަފާސް ހިސާބުތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެއްކުރީ ޖިންސީ ގޯނާކުރުމާއި ރޭޕްގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ މިދިޔަ ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރުގެ ކައުންސިލް މިނިސްޓަރު އާދަމް ޝަރީފު ހުށަހެޅުއްވި ގަރާރަކާ ގުޅިގެންނެވެ.
އެ ގަރާރު ދިރާސާކުރުމުގެ ތެރޭގައި އެއްކުރި މައުލޫމާތު ހިމަނައިގެން އެކުލަވައިލި ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ޖެންޑާ މިނިސްޓްރީ، ފުލުހުން އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ ބައްދަލުކޮށް މައުލޫމާތު ހޯދައިގެން މަޖިލީހުގެ ޖެންޑާ ކޮމިޓީން އެކުލަވާލި އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ ހަ އަހަރުގެ ތެރޭގައި ފުލުހުންނަށް ޖިންސީ ކުށުގެ ޖުމުލަ 2،169 މައްސަލަ ހުށަހެޅިއެވެ. އެންމެ ގިނަ މައްސަލަ ހުށަހެޅީ 2020 ވަނަ އަހަރުއެވެ. އެ އަހަރު 487 މައްސަލަ ހުށަހެޅިއެވެ.
މިދިޔަ ހަ އަހަރު ތެރޭގައި ޖިންސީ ކުށުގެ މައްސަލަތައް އެންމެ މަދުން ހުށަހެޅި ކަމަށް ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރުއެވެ. އެ އަހަރު 234 މައްސަލަ ހުށަހަޅާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ރިޕޯޓުގައިވާ ގޮތުން 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓުތަކަށް ޖުމުލަ 47 މައްސަލަ ހުށަހެޅިއެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ސާބިތުވެފައިވާ ކަމަށް ކޯޓުން ކަނޑައަޅާފައިވަނީ 10 މައްސަލައެކެވެ. އަދި އަށް މައްސަލައެއް ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވެއެވެ.