ޚަބަރު

ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ދަށް ކުރުމަށްވުރެ، ތަންފީޒުކުރާ ގޮތް ބަދަލުކުރުން މުހިއްމު: އޮމްބަޑްސްޕާސަން

އިބްރާހިމް ޒަކީ

ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ހަގު ކުރުމަށްވުރެ ކުޑަކުދިންނާ ގުޅުންހުރި ކަންތައްތައް ދައުލަތުގެ އިދާރާތަކުގެ ތެރެއިން ތަންފީޒު ކުރަމުންދާ ގޮތް ބަދަލުކުރުން މާ މުހިއްމު ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު ވިދާޅުވެއްޖެއެވެ.

ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 15 އަހަރުން 12 އަށް ތިރިކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

އުޝާމް މިހެން ވިދާޅުވީ، އއ. ރަސްދޫގެ މިސްކިތެއްގައި ކުޑަކުއްޖަކަށް، ކުދީންތަކެއް އަނިޔާކުރާ ވީޑިއޯއެއް އޭރު ދައުރުވުމާ ގުޅިގެންނެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު ވިދާޅުވީ، ޖިނާއީ މަސްލަހަތު އުފުލަންޖެހޭ އުމުރު ދަށްކުރުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"އުމުރު ކުޑަކުރުމަށްވުރެ މިހާރު އޮތް އުމުރުގައި، ދައުލަތުގެ އިދާރާތަކުން ކަންކަން ތަންފީޒު ކުރަމުންދާ ގޮތް ބަދަލަވާންވީ، އުމުރެއް ނޫން ބަދަލުވާންވީ، ސިސްޓަމް އަސްލުގަ ބަދލު ކުރަންވީ،" ނިއުމަތު ވިދާޅުވިއެވެ.

ނިއުމަތު ވިދާޅުވީ، ކުޑަކުދިންނާ ގުޅުންހުރި ކަންކަން ރަނގަޅުކުރުމަށް ކަމާބެހޭ ގާނޫނުތަކަށާއި ގަވާއިދުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.

ކުށްކުރާ ކުޑަކުދިންގެ މައްސަލައަށް އޮތް ހައްލަކީ ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ދަށްކުރުން ނޫން ކަމަށާއި އެކަމަށް އޮތް ހައްލަކީ މާހައުލު ބަދަލުކުރުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވެސްް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ޝަމީމްވެސް ފާހަގަކުރެއްވީ ގާނޫނު ތަންފީޒު ކުރުމުގައި މައްސަލަތަކެއް އުޅޭ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ، ކުޑަކުދިންގެ ޖިނާއީ ކުށްތަކަށް ގާނޫނު އޮތްނަމަވެސް ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ކާމިޔާބަކާ ގާތަށްވެސް އަދި ދެވިފައިނުވާ ކަމަށެވެ.