ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސާފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރުސީއެމްއިން ބަލަން ފަށައިފި އެވެ.
މިކަން އެޗްއާރުސީއެމްގެ މީޑިއާ އޮފިސަރު ފަޒްލާ އަހުމަދު ޝަހީމް ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ. ފަޒްލާ ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށާއި، ނަމަވެސް މައްސަލައިގެ ގޮތުން އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތެއް މީޑިއާއާ ހިއްސާ ކުރެވެން ނެތް ކަމަށެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން މައްސަލަ ބަލަން ފަށާފައިވާ ކަމަށް ބުނެފައިވާ އިރު، ފުލުހުން ދާދި ދެންމެ ބުނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ހާޒިރުވާން ފުލުހުންނަށް އަދި އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް މިނިވަން މުއައްސަސާތަކުން ފުލުހުންގެ މަސައްކަތަށް ފާރަވެރި ވުމަށް ކުރާ މަސައްކަތްތަކަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ފުލުހުން ބުނެއެވެ.
ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި ކަމުގެ މައްސަލައިގައި ކުށުގެ ވެށިން ފުލުހުން ހައްޔަރު ކުރީ 39 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. ނަމަވެސް މި މައްސަލައިގައި ތުހުމަތު ކުރެވޭ ދިވެހި ދެމީހުން ފުލުހުން ވަނީ އިއްޔެ ދޫކޮށްލައިފައެވެ. މި ދެމީހުން ދޫކޮށްލާފައިވަނީ ހައްޔަރުކުރި ދެ މީހުން ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓުމަށް އެދެވޭނެ ސަބަބެއް ނެތުމުން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މަައުލޫމާތު ހާމަ ކުރުމަށް ގޮވާލައި ގިނަ ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ.