ނައިޖީރިއާގެ "އިކޮރޮޑު ބޯއިސް"ގެ ވީޑިއޯ މަޝްހޫރު ވެ ހޮލީވުޑަށް ދައުވަތު ލިބިއްޖެ އެވެ.
ނެޓްފްލިކްސްގެ ފިލްމު އެކްސްޓްރެކްޝަންގެ ޓްރެއިލާ ރިމޭކް ކޮށް "އިކޮރޮޑު ބޯއިސް" އިން އުފެއްދި ވީޑިއޯ ޓްވިޓާއަށް ލުމާއެކު އެތައް ބައެއްގެ ޝައުގުވެރިކަން "އިކޮރޮޑު ބޯއިސް"ގެ ވީޑިއޯއަށް ލިބެން ފެށިއެވެ.
ނައިޖީރިއާގެ އިކޮރޮޑުގެ ނޭބަހުޑްއެއްގެ ކުޑަކުދިންތަކެއް އުފެއްދި މިރީމޭކް ވަނީ "އިކޮރޮޑު ބޯއިސް"ގެ ފޮލޯވާސްގެ އެހީގައި އެކްސްޓްރެކްޝަންގެ ޕްރޮޑަކްޝަން ޓީމާ ހަމަޔަށް ގެންގޮސްފައެވެ. އެގޮތުން ނެޓްފްލިކްސްގެ އިތުރުން އެފިލްމުގެ ލީޑް އެކްޓަރު ކްރިސް ހެމްސްވޯތު ޓެގްކޮށް ގިނަބަޔަކުވަނީ މި ވީޑިއޯ ރީޓުވީޓް ކޮށްފައެވެ.
"އިކޮރޮޑު ބޯއިސް"ގެ މިވީޑިއޯ އިން ފެނިގެންދަނީ އެކްސްޓްރެކްޝަން ގެ ޓްރެއިލާގެ މަންޒަރުތަކުން ފެންނަ ޝޮޓްތަކެވެ. ނަމަވެސް މަންޒަރުތައް ކުޅެފައިވަނީ ކުޑަކުދިންނެވެ. އާންމުކޮށް ލިބެން ހުންނަ ސާމާނު ބޭނުންކޮށްގެން އުފައްދާފައިވާ މިވީޑިއޯ އެޑިޓްވެސް ކޮށްފައިވަނީ "އިކޮރޮޑު ބޯއިސް" އިންނެވެ.
ވީޑިއޯ ނެރުނުތާ މާގިނައިރުތަކެއް ނުވެ ނެޓްފްލިކްސް އިން ވަނީ އެވީޑިއޯ ރީޓުވީޓް ކޮށް ކޮމެންޓު ކޮށްފައެވެ. ހެމްސްވޯތު ވެސް ވަނީ ވީޑިއޯ ރީޓުވީޓް ކޮށް މިއީ މަޖާ ވީޑިއޯ އެއްކަމަށް ބުނެފައެވެ.
އެންމެފަހުން މިވީޑޯ މަޝްހޫރު ވެ ފިލްމުގެ ޕްރޮޑިއުސަރުންވެސް މިވީޑިއޯ އަށް ތައުރީފު ކުރިއެވެ. ޕްރޮޑިއުސަރުން ވަނީ "އިކޮރޮޑު ބޯއިސް" އެކްސްޓްރެކްޝަން 2 ގެ ޕްރިމިއާ އަށް ދައުވަތުވެސް ދީފައެވެ.
ފިލްމުގެ ޕްރޮޑިއުސަރު ރުސޯ ބްރަދާސް އިން ވަނީ "އިކޮރޮޑު ބޯއިސް"ގެ ވީޑިއޯ ރީޓްވީޓު ކޮށް ވީޑިއޯއަށް ތައުރީފު ކޮށްފައެވެ. އަދި ޕްރިމިއާ ޝޯއަށް ދައުވަތު ދީ ދައުވަތު ގަބޫލުކޮށް ޑައިރެކްޓް މެސެޖެއް ކުރުމަށް އެދިފައެވެ.
"އިކޮރޮޑު ބޯއިސް" އިން ވަނީ މީގެ ކުރިންވެސް މިފަދަ ގިނަ ވީޑިއޯ ރިމޭކްތަކެއް ހަދައި އެތައް ބައެއްގެ މަގުބޫލުކަން ހޯދައިފައެވެ. 2017 ވަނަ އަހަރު އިންސްޓަގްރާމް ޕޭޖެއް ހަދައި ރިމޭކްތަކުގެ ވީޑިއޯ އުފައްދަމުން އަންނަ "އިކޮރޮޑު ބޯއިސް" ގެ އިންޓަގްރާމް ޕޭޖުގެ ފޮލޯވަރުންގެ ގޮތުގައި މިހާރު ހަލައްކަ އަށްވުރެން ގިނަ މީހުން ތިބެއެވެ.