މުހައްމަދު އައުޒަމް
ނާސާ އިން ހަނދުގައި ބަހައްޓާ ފާހަނާ ޑިޒައިން ކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.
2024 ވަނަ އަހަރު ހަނދަށް ދިއުމުގެ މަސައްކަތް ނާސާއިން ފަށާފައިވާއިރު ހަނދުގައި ބަހައްޓާ ފާހަނާ ޑިޒައިން ކުރުމަށް ހުޅުވާލާފައި ވަނީ ޗެލެންޖެއް ގޮތަށެވެ. "ލޫނާ ލޫ" ނަމުން ނަންދީފައިވާ މި ޗެލެންޖު ވަނީ ދެ ކެޓަގަރީއަކަށް ބަހާލައިފައެވެ. އެ ދެކެޓަގަރީ އަކީ ޓެކްނިކަލް އަދި ޖޫނިޔާ ކެޓަގަރީ އެވެ.
ނާސާއިން ބުނެފައިވަނީ ޓެކްނިކަލް ކެޓަގަރީގައި ބައިވެރިން 18 އަހަރުން މަތިވާން ޖެހޭނެކަމަށާއި 18 އަހަރުން ދަށުގެ ފަރާތެއްނަމަ ޖެހޭނީ ޖޫނިޔާ ކެޓަގަރީގައި ބައިވެރި ވާންކަމަށެވެ. އަގު ބޮޑު އިނާމުތަކެއް ހުށަހަޅާފައިވާ މި ޗެލެންޖުގައި ބައިވެރިވުމަށް މިހާރު ހުޅުވާލާފައިވާއިރު އޮގަސްޓު 17ގެ ކުރިން ޑިޒައިން ފޮނުވަން ޖެހޭނެއެވެ.
"ލޫނާ ލޫ"ގެ އިނާމުތަކަށް ބަލާއިރު ޓެކްނިކަލް ކެޓަގަރީގެ ތިންވަނައަށް ހޮވޭ ފަރާތަށް 5000 ޑޮލަރު ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނައަށް ދާ ފަރާތަށް 10000 ޑޮލަރު ދިނުމަށް ހަމަޖެހިފައި ވެއެވެ. އަދި ޓެކްނިކަލް ކެޓަގަރީން އެއްވަނައަށް ހޮވޭ ފަރާތަށް 20000 ޑޮލަރު ދިނުމަށް ނާސާއިން ވަނީ ނިންމައިފައެވެ.
ޖޫނިއާ ކެޓަގަރީގައި ނާސާއިން އިނާމު ދިނުމަށް ނިންމާފައިވަނީ އުމުރު ފުރާތަކަށް ބަހާލައިގެންނެވެ. އެގޮތުން 11 އަހަރުން ދަށުގެ އުމުރުފުރާ އަދި 11 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާ އަށް ޖޫނިއާ ކެޓަގަރީ ބަހާލައިފައި ވެއެވެ. މި ކެޓަގަރީގެ އިނާމުތަކަށް ބަލާއިރު ހުރިހާ އުމުރު ފުރާއަކަށް ސެޓްފިކެޓާއި އަގުވަޒަންކުރުމުގެ އިތުރުން ނާސާގެ ލޯގޯ ޖެހި މާޗެންޑައިޒެއްގެ އިތުރުން އާދަޔާ ހިލާފު އިނާމެއް ލިބޭނެ ކަމަށް ނާސާއިން ބުނެއެވެ. އާދަޔާ ހިލާފު އިނާމަކީ ކޮން އިނާމެއްކަމެއް ނާސާއިން ބުނެފައެއް ނުވެއެވެ.
ނާސާގެ އަރޓެމިސް ޕްރޮގްރާމްގެ ދަށުން 2024 ވަނަ އަހަރު ވަނީ ފުރަތަމަ ފަހަރަށް އަންހެނަކު ހަނދަށް ގެންދިއުމުގެ ޕްރޮގްރާމްގެ މަސައްކަތްވެސް ފަށާފައެވެ.