ކުއްލި ޚަބަރު

ނަފުސާނީ އެހީދޭ ހިދުމަތްތެރީން ރާއްޖޭގައި މަދު: މިނިސްޓަރު

ނަފުސާނީ އެހީދޭ ހިދުމަތްތެރީން ރާއްޖޭގައި މަދު ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާއިޝަތު ވިދާޅުވީ، ނަފުސާނީ މައްސަލަތައް ކުރިމަތިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. ހާއްސަކޮށް އަމިއްލައަށް މަރުވުމުގެ ވިސްނުން ގެންގުޅޭ މީހުންގެ އަދަދު އިތުރުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ނަފުސާނީ މައްސަލަތައް ދިމާވާ މީހުންނަށް ފަރުވާ ކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ވަސީލަތްތަކާއި އެކަމަށް ތަމްރީނުވެފައިވާ މީހުން ރާއްޖޭގައި ނެތުން ކަމަށެވެ.

"ރާއްޖޭގައި ނެތް އެހާ ގިނަ މީހުންނެއް މިކަމުގައި ފަރުވާދޭ. އަޅުގަނޑުމެންގެ ސައިކޮލޮޖިސްޓުންވެސް މަދު، އަޅުގަނޑުމެން މިދާއިރާއިން ކައުންސިލިން ދޭ މީހުންވެސް މަދު،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އާއިލާއެއްގެ ތެރޭގައި ނަފުސާނީ މައްސަލައެއް ކުރިމަތިވާނަމަ އާއިލާގެ ތެރެއިން އެކަމަށް ހައްލެއް ހޯދޭނެ ގޮތްތައް ދެނެގަނެ އެގޮތަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ނަފުސާނީ މައްސަލަތައް މަދުކުރުމަށް މުޖުތަމައުގެ ދައުރުވެސް ބޮޑުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، މުޖުތަމައަކީ އޯގާތެރި މުޖުތަމައެއްނަމަ ނަފުސާނީ މައްސަލަތައް މަދުކުރެވިދާނެ ކަމަށެވެ. އަދި ނަފުސާނީ މައްސަލައެއް ކުރިމަތިވާ މީހާ ބާކީކޮށްލުމަށް ވުރެ އެމީހުންގެ އަޑު އަހަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.