މީސް މީޑިއާގައި ހަނގާ ކުރުމުގެ ކަންކަން ބޮޑު ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާއިޝަތު ވިދާޅުވީ، ނަފުސާނީ މައްސަލައަކަށް މީހާ ހުށަހެޅެނީ އަމިއްލައަށް ނޫން ކަމަށާއި އެއީ ދިމާވާ ހާލަތްތަކުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށެވެ.
އެގޮތުން މީސް މީޑިއާގައި ހަނގާކުރުގެ ކަންކަންވެސް ބޮޑުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މުޖުތަމައު ވާން އެބަޖެހޭ އޯގާތެރި ބަޔަކަށް. އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ މިހާ ގިނަ ނަފުސާނީ މައްސަލަތައް މި ފެންމަތިވަނީ ކީއްވެތޯ؟ އަޅުގަނޑުމެންގެ ތެރޭގައި އެބައޮވޭ ސޯޝަލް މީޑިއާގައި ހެރަސްމެންޓާއި ބުލީކުރުމާއި މިކަހަލަ ކަންތައްތަކެއް އެބަހުރޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކިރިޔާވެސް ކަމެއް ވާއިރަށް މީހާ ފަލީހަތްކޮށްލުމަކީ ރަނގަޅުކަމެއް ނޫން ކަމަށާއި އެފަދަ ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އަދި މި ދުވަސްވަރު ސުއިސައިޑަލް ތޯޓްސް (އަމިއްލައަށް މަރުވުމުގެ ވިސްނުން) ގެންގުޅޭ މީހުންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
"އެފަދަ މީހުން އެތިބެނީ ހަޔާތުގައި ކުރެވޭނެ އެންމެ ގޯސް ކަންތައް ކުރުމަށް ތައްޔާރަށް. އެހެންކަމުން އެފަދަ މީހުންނަށް އަޅާލައި އެމީހުންގެ އަޑު އަހަން އެބަޖެހޭ. ބުނެލާ ޖުމްލައަކުން އެމީހުންގެ ވިސްނުން ބަދަލުވެދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ނަފުސާނީ މައްސަލައަކާ ކުރިމަތިލުމުގަައި މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތަށް ސެންޓާ ފޯ މެންޓަލް ހެލްތުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމަށެވެ.