ފަރުވާ ހޯދަން އިންޑިއާއަށް ދާ މީހުން ކަރަންޓީން ވާން ނުޖެހޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހޭ 25 ބަލި މީހަކު މިމަހުގެ 29 ވަނަ ދުވަހު އިންޑިއާއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ 25 މީހުންނާއެކު އެހީތެރިންގެ ގޮތުގައި 12 މީހަކުވެސް ދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ރާއްޖެއިން ބޭރަށް ގެންދާ މީހުންނަކީ ރާއްޖެއިން ލިބެން ނެތް ފަރުވާތައް ހޯދުމަށް ގެންދާ މީހުން ކަމަށެވެ.
އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް ނަމަވެސް ފަރުވާއަށް ރާއްޖެއިން އެގައުމަށްދާ ދިވެހިން ކަރަންޓީންވާން ނުޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިކޮޅުން މި ފޮނުވަނީ އެގްރީމެންޓެއް ހަދައި ހުރިހާ ކަންކަމެއް ހަމަޖައްސާފައި. އެހެންކަމުން އެއްވެސް ވަރަކަށް އެގައުމުގައި ކަރަންޓީންގެ މުއްދަތެއް ފުރިހަމަ ކުރާކަށް ނުޖެހޭނެ. ހަމަ ސީދާ ހޮސްޕިޓަލުން އެމީހުންނަށް ފަރުވާ ހޯދޭނެ،" މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އިތުރު 51 މީހަކުވެސް އެދިފައިވާ ކަމަށާއި އެމީހުންވެސް ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށެވެ. ނަމަވެސް އެމީހުން ގެންދާނެ ސީދާ ތާރީހެއް ވިދާޅެއް ނުވެއެވެ.