ގުރޫމިންއާ ގުޅޭ މައްސަލަތައް ރިޕޯޓުކުރާ އަދަދު މަދު ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާއިޝަތު ވިދާޅުވީ، އިންޓަނެޓްގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ދޭ ގެއްލުން ނުވަތަ އަނިޔާގެ މައްސަލަތައް އުޅޭ ކަމަށެވެ. ނަމަވެސް އެފަދަ މައްސަލަތައް ރިޕޯޓުކުރާލެއް މަދުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ގްރޫމިންއާ ގުޅިގެން މާގިނަ މައްސަލަތަކެއް ރިޕޯޓުކުރެވިފައެއް ނެތް. އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި ދެ މައްސަލައެއް ރިޕޯޓް ކުރެވިފައި އޮތީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެފަދަ މައްސަލަތައް މަދުކުރުމަށް ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއާއި ފުލުހުންނާއެކު މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ގެވެށި އަނިޔާ ރިޕޯޓްކުރާ އަދަދު މިދިޔަ މެއި މަަހުގެ ފަހުކޮޅުން ފެށިގެން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އަނިޔާ ރިޕޯޓްކުރާ އަދަދު މަދުވިކަން އޭޕްރިލް ފާހަގަކުރެވުނު ކަމަށާއި މެއި މަހުގެ ފަހުކޮޅާ ޖެހެންދެން ވެސް އެކަން އޮތީ އެގޮތަށް ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް މެއި މަހުގެ ފަހުކޮޅުން ފެށިގެން އަނެއްކާވެސް އަނިޔާ ރިޕޯޓު ކުރާ އަދަދު އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަނިޔާގެ މައްސަލަތަކުގެ އިތުރުން ނަފުސާނީ މައްސަލަތަކާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ އެހީތެރިކަމަށް އެދުނު މީހުން ވެސް މި މުއްދަތުގެ ތެރޭގައި އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.