ކުއްލި ޚަބަރު

ޖުވެނައިލް ޖަސްޓިސް ސިސްޓަމް ރަނގަޅު ކުރަން ޖެހޭ: މިނިސްޓަރު

އަލީ ޔާމިން

ޖުވެނައިލް ޖަސްޓިސް ސިސްޓަމް ރަނގަޅު ކުރަން ޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ، އެންމެ ހާއްސަ އިސްކަމެއްދީގެން މިހާރު ކުރެވެމުން އަންނަ އެއް މަސައްކަތަކީ އިޖުތިމާއީ ހިދުމަތް ދިނުމުގެ މާސްޓާ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ޖެންޑާ މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައްވެސް ބަލަން ޖެހޭ ކަމަށެވެ. އެގޮތުން ޖުވެނައިލް ޖަސްޓިސް ސިސްޓަމް ވަރަށް ބޮޑަށް ރަނގަޅުކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ގާނޫނެއް އެބަ ކުރިމަތިވޭ. ވަރަށް އަވަހަށް ގާނޫނަކުން ކުޑަކުދިންގެ އަދުލުގެ ނިޒާމު ތަންފީޒުކުރަން ފަށާ އިރު، ޖުވެނައިލް ޖަސްޓިސް ސިސްޓަމް ވަރަށް ބޮޑަށް ރަނގަޅުކުރަން ޖެހޭ. އެހެންކަމުން ހޯމް މިނިސްޓްރީން އެ މަސައްކަތް ކުރައްވަމުން ގެންދަވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އާއިޝަތު ވިދާޅުވީ، ކުޑަކުދިންނާއި އާއިލާތައް ރައްކާތެރިކުރުކަށް ޖެންޑާ މިނިސްޓްރީން ކުރާ ކަންކަން ބިނާވެގެންދާނީ ކުޑަކުދިންގެ އަދުލުގެ ނިޒާމު ތަންފީޒުވެގެންދާއިރު އޭގައި ހިމެނޭ ކަންކަމުގެ މައްޗަށް ކަމަށެވެ.

ކުޑަކުދިންގެ އަދުލުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ވަނީ ބަލައިގެންފައެވެ. އެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްއެވެ.

ކުޑަކުދިންގެ އަދުލުގެ ބިލެއް ސަރުކާރުން ހުށަހެޅީ، ކުޑަކުދިންނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ހާއްސަ އެހީތެރިކަމަކާއި ރައްކާތެރިކަން ލިބުން ހައްގު ބަޔަކަށްވާއިރު، ކުޑަކުދިންގެ މައްޗަށް ގާނޫނު ހިންގައި ތަންފީޒުކުރުމުގައި ގެންގުޅެންޖެހޭނެ ހާއްސަ އުސޫލުތަކާއި ފިޔަވަޅުތައް ކަނޑައަޅައި ބަޔާންކޮށް، މި ކަންކަމުގެ މައްޗަށް އެކުލެވިގެންވާ ހާއްސަ ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ސަރުކާރަށް ފެނިގެންނެވެ.

މި ބިލު ގާނޫނަކަށް ވުމުން، ބޮޑެތި މީހުންގެ މައްޗަށް ހިންގާ އާންމު ޖިނާއީ އަދުލުގެ ނިޒާމާ މުޅިން ވަކިކުރެވިފައިވާ ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމުކުރެވިގެންދާނެއެވެ. އަދި، ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ބަލަން ހާއްސަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުން ތިބޭ ޖުވެނައިލް ކޯޓެއް ކަނަޑައެޅި މާލޭގައި މިހާރު ގާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގެ އިތުރުން، އެ ކޯޓުގެ ސަރަހައްދީ ޑިވިޝަންތައް ގާއިމުކުރެވިގެން ދާނެއެވެ.

މި ބިލު ފާސްވެ ގާނޫނަކަށް ވެއްޖެނަމަ ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ، އުމުރުން 15 އަހަރު ކަމުގައި ކަނޑައެޅޭނެއެވެ.

މި ބިލުގެ ދަށުން، ދާހިލީ ކަންކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މިނިސްޓްރީގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެއް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި އުފައްދައި، އެ ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތައް ކަނޑައެޅިގެން ދާނެއެވެ.

މީގެ އިތުރުން، މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ބަންދުކުރާ މަރުކަޒުތައް ސަރުކާރުން ހެދުމަށް މި ބިލުގައި ވަނީ ލާޒިމުކޮށްފައެވެ.