ކުއްލި ޚަބަރު

ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހޭ 37 މީހަކު އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފުުރަނީ

އަލީ ޔާމިން

ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހޭ 37 މީހަކު އަންނަ ހޯމަ ދުވަހު އިންޑިއާއަށް ގެންދިއުމަށް ނިންމައިފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖެއިން ލިބެން ނެތް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާން އެދިފައިވާ މީހުންގެ ތެރެއިން 37 މީހަކު އިންޑިއާއަށް ފުރުވުމުގެ ކަންކަން މިހާރު ހަމަޖައްސާފައިވާ ކަމަށާއި އެމީހުން ފުރުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 29 ވަނަ ދުވަހު ކަމަށެވެ.

"އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރަން ޖެހޭ ބަޔަކު އެބަތިބި. އޭގެ ތެރެއިން 37 މީހުން ފުރުމުގެ ކަންކަން މިހާރު މިވަނީ އިންތިޒާމުކުރެވިފައި. 29 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވަނީ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ރާއްޖެއިން ބޭރަށް ގެންދާ 37 މީހުންގެ ތެރޭގައި ހިމެނެނީ 25 ބަލި މީހުންނާއި އެމީހުންގެ އެހީތެރިންގެ ގޮތުގައި ދާ މީހުން ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ގެންދަނީ ގުނަވަން ބަދަލުކުރުމާއި ރޭޑިއޯލޮޖީ ފަދަ ބޮޑެތި ކަންކަން ކުރަން ޖެހޭ ބަލި މީހުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން އިންޑިއާއަށް ފަރުވާއަށްދާ ބަލި މީހުން އެއްވެސް ވަރަކަށް ކަރަންޓީންވާން ނުޖެހޭނެ ކަމަށާއި އެމީހުންނަށް ސީދާ ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އިތުރު 51 ބަލި މީހަކުވެސް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އެދިފައިވާ ކަމަށާއި އެމީހުންގެ ފަރުވާގެ ކަންކަން އިންތިޒާމުކުރުމަށް ފޮރިން މިނިސްޓްރީއާއި ކަމާބެހޭ އިދާރާތަކާއި މިނިސްޓްރީތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.