ކުއްލި ޚަބަރު

މިމަހުގެ 30 ވަނަ ދުވަހު ޓްރީޓޮޕް ދޫކޮށްލުމަށް މަސައްކަތް ކުރަނީ

މިމަހުގެ 30 ވަނަ ދުވަހު ސަރުކާރުން ޓްރީޓޮޕް ހޮސްޕިޓަލް ދޫކޮށްލުމަށް މަސައްކަތް ކުރާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ކޮވިޑުގެ ފަރުވާއަށް ބޭނުންކުރާ ޓްރީޓޮޕް ހޮސްޕިޓަލު އެކަމަށް ބޭނުންކުރުން ނިމުމަކަށް ގެނައުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ޓްރީޓޮޕް ހޮސްޕިޓަލު ކޮވިޑް 19 ބައްޔަށް ފަރުވާދިނުން ނިމުމަކަށް ގެނައުމަށް މިހާރު މިވަނީ މަސައްކަތް ފެށިފައި. މިމަހުގެ 30 ވާ ދުވަހު މަސައްކަތް ނިންމައި ހަވާލުކުރުމަށް އަޅުގަނޑުމެން މި މަސައްކަތްކުރަނީ،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ ތިން މީހުންނަށް ކަމަށާއި އެ މީހުން ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11އަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި މިވަގުތު އެ ތިން މީހުންނަށް ވެސް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖޭގައި 2305 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 1875 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، މިވަގުތު ފަރުވާދެމުން އަންނަނީ 417 މީހަކަށެވެ. އަދި މިހާތަނަށް ރާއްޖެއިން އެ ބަލީގައި މަރުވެފައިވަނީ އަށް މީހެކެވެ.