ކުއްލި ޚަބަރު

ޓްރީޓޮޕްގައި ތިން މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

ޓްރީޓޮޕް ހޮސްޕިޓަލުގައި ކޮވިޑަށް ޕޮޒިޓިވް ތިން މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހޮސްޕިޓަލުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލުގައި މިވަގުތު ފަރުވާދެމުން އަންނަނީ ވެސް އެ ތިން މީހުންނަށް އެކަނި ކަމަށެވެ.

"ޓްރީޓޮޕް ހޮސްޕިޓަލުގައި މިވަގުތު ތިން މީހަކަށް ފަރުވާދެވެމުން އެބަދޭ. ތިން މީހުން ވެސް ވެންޓިލޭޓަރުގައި،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އަށް މީހަކަށް ފަރުވާދެމުން އަންނަ ކަމަށާއި އެ އަށް މީހުންނަށް ވެސް ފަރުވާދެމުން އަންނަނީ ވޯޑުގައި ކަމަށެވެ.

މިހާތަނަށް ރާއްޖޭގައި 2305 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 1875 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، މިވަގުތު ފަރުވާދެމުން އަންނަނީ 417 މީހަކަށެވެ. އަދި މިހާތަނަށް ރާއްޖެއިން އެ ބަލީގައި މަރުވެފައިވަނީ އަށް މީހެކެވެ.