ކުއްލި ޚަބަރު

މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 22 މީހުން

މިދިޔަ 24 ގަޑިއިރު ތެރޭ 22 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 2305 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ 14 މީހަކާއި ސްރީލަންކާގެ ހަތަރު މީހުން ކަމަށެވެ.

އެޗްޕީއޭ އިން ބުނީ، ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 12 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. ބަލިން ފަސޭހަވީ މީހުންގެ އަދަދު 1875 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 417 މީހަކަށެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި 220 މީހަކު އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 310 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހެކެވެ.